ޚަބަރު

ގެޓާފޭ ބަލިކޮށް ބާސެލޯނާ ލީގު ހޯދުމާއި ގާތަށް


ސްޕެނިޝް ލަލީގާގައި ރޭ ގެޓާފޭ އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެ ލީގު ހޯދުމާއި ގާތަށް ޖެހިލައިފި އެވެ.

ޖެހިޖެހިގެން ދެވަނަ ފަހަރަށް ލަލީގާގެ ޗެމްޕިއަން ހޯދުމަށް ބާސެލޯނާއިން މަސައްކަތް ކުރަމުންދާއިރު މި ހަފްތާގައި ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑް ކުޅުނު މެޗު އެއްވަރުވެފައިވާއިރު ބާސެލޯނާ އިން ވަނީ އޭގެ ފައިދާ ފުރިހަމަ ގޮތުގައި ނަގާފަ އެވެ.

ރަށުން ބޭރުގައި ރޭ ގެޓާފޭ އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުން މޮޅުވެ އެ ޓީމަށް ލިބުނު ތިން ޕޮއިންޓާއެކު ބާސެލޯނާއަށް ވަނީ ތާވަލުގެ ކުރީގައި 11 ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. މި މެޗުން މޮޅުވުމާއިއެކު ބާސެލޯނާ އަށް ވަނީ 33 މެޗުން ޖުމްލަ 85 ޕޮއިންޓު ލިބިފަ އެވެ. ރެއާލް މެޑްރިޑަށް ލިބިފައިވަނީ 74 ޕޮއިންޓެވެ.

އެހެންކަމުން ލީގުގައި ބާކީ އޮތް ފަސް މެޗުން 4 ޕޮއިންޓު ހޯދައިގެން ބާސެލޯނާއަށް 29 ވަނަ ފަހަރަށް ލަލީގާގެ ޗެމްޕިއަންކަން ލިބޭނެ އެވެ.

ބާސެލޯނާ އިން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގައި އެ ޓީމުން ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ޕެޑްރީ ދިން ޕާހަކުން ފާރމިން ލޮޕޭޒް އެވެ.

އަދި މެޗުގެ 74 ވަނަ މިނިޓުގައި ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާއަށް ކުޅެމުންދާ މާކަސް ރަޝްފޯޑް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.