ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ފުރަތަމަ ކުއާޓަރގެ ރިޕޯޓު އެކުންފުނިން އާންމުކޮށްފައިވާއިރު އެންމެ ކާމިޔާބު އެއް ވިޔަފާރީގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ތެލުގެ ވިޔަފާރިއެވެ. ތެލުގެ ވިޔަފާރީގެ ތެރެއިން އެކުންފުނިން މިހާރު ބަންކަރިން ޚިދުމަތް ދެމުންދާއިރު އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ވިޔަފާރިއަށްވެސް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައިވެއެވެ.
ބަންކަރިން ޚިދުމަތް ސަރުކާރުން ފެށީ އިޤްތިޞާދު ސިންދަފާތުކޮށް ރާއްޖެއަށް އާމްދަނީ ލިބޭނެ އިތުރު މަގެއް ފަހިކުރުމަށެވެ. މި މަސައްކަތް ފަށާފައިވަނީ އެންމެ ފުރިހަމައަށް ބޭނުންވާ ގޮތަށް ނޫންކަން ސަރުކާރުންވެސް ޤަބޫލުކުރެއެވެ. ނަމަވެސް ޚިދުމަތުން ލިބޭ ބޮޑު އާމްދަނީއެއް ލިބެމުންދާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
މި ޚިދުމަތަށް ގިނަ ފާޑުކިއުންތަކެއް އަމާޒުވިނަމަވެސް، ޚިދުމަތުން ބޮޑު އާމްދަނީއެއް ލިބޭކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އެކި މަންސަތަކުގައި ވަނީ ވިދާޅުވެފައެވެ. އަދި ކޮންމެ ފަހަރަކުވެސް އާމްދަނީގެ ގޮތުން ލިބިފައިވާ އަދަދު ހިއްސާކުރައްވައެވެ. މި ޚިދުމަތުން ލިބޭ އާމްދަނީ، އެންމެ ފަހުން ހިއްސާ ކުރެއްވީ މިމަހުގެ 8 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ޚިދުމަތް ރަސްމީ ސިފައެއްގައި ފަށާފައިވަނީ 2024 ވަނަ އަހަރު ސެޕްޓެންބަރު މަހުއެވެ. އެދުވަހު ވަޒީރު ވިދާޅުވީ، މި ޚިދުމަތުން ލިބުނު އާމްދަނީއަށް ބަލާއިރު ފުރަތަމަ 3 މަހުގެ ނިޔަލަށް ބަންކަރިން ޚިދުމަތުން 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ.
އެސްޓީއޯގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓް ދައްކާގޮތުން، ފުރަތަމަ ކުއާޓަރގައި 5.49 ބިލިޔަން ރުފިޔާ އާމްދަނީއެއް ލިބިފައިވެއެވެ. އާމްދަނީ އިތުރުވި އެންމެ ބޮޑު ސަބަބަކީ ކުންފުނީގެ ތެލުގެ ވިޔަފާރިއަށް ލިބުނު ކުރިއެރުމެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއެކު ތެލުގެ ވިޔަފާރިއަށް ލިބުނު ކުރިއެރުމުގެ ސަބަބުން ތެލުގެ ވިޔަފާރިއަށް ނިމިދިޔަ އަހަރުގެ ފަހު ކުއާޓަރާއި އަޅާ ބަލާއިރު 27 އިންސައްތަ ކުރިއެރުން ލިބިފައިވެއެވެ.
އެސްޓީއޯއިން ފާހަގަކުރާ ގޮތުގައި ތެލުގެ ވިޔަފާރިއަށް ލިބުނު ކުރިއެރުމުގެ ބޮޑު ބައެއް ހިއްސާ ކުރަނީ ބަންކަރިން ޚިދުމަތުން ލިބުނު ކުރިއެރުމެވެ. ފުރަތަމަ ކުއާޓަރުގައި ބަންކަރިންގެ ތެރެއިން ވިއްކި ތެލުގެ މިންވަރު މިދިޔަ އަހަރުގެ ފަހު ކުއާޓަރާއި އަޅާބަލާއިރު 18 މިލިޔަން ލީޓަރު އިތުރުވެފައިވާ ކަމަށެވެ.
ބަންކަރިންގެ ޚިދުމަތުން މަހުން މަހަށް ލިބޭ އާމްދަނީވެސް އަންނަނީ އިތުރުވަމުންނެވެ. ބަންކަރިން ޚިދުމަތް ފެށި ފަހުން ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ރާއްޖެއަށް އަލަށް އެތެރެކޮށް ވިއްކަން ފެށި، ލޯ ސަލްފަރ އޮއިލްއިންނެވެ.
މި ޚިދުމަތް ރާއްޖޭގައި ފެށީ ބައިނަލްއަޤްވާމީ ގޮތުން މިޚިދުމަތް ދިނުމުގެ ތަޖުރިބާ ލިބިފައިވާ ވިޓޯލް ކުންފުންޏާއެކުއެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް، ފެށި މަސައްކަތް އިތުރަށް ހަރުދަނާކޮށް ލިބޭ އާމްދަނީ އިތުރުކުރުމަކީ ސަރުކާރުގެ އާމާޒެކެވެ.
މިވަގުތު ބަންކަރިން ޚިދުމަތް ދެމުންދަނީ އޮފްޝޯރ ކޮށް ކަނޑުމަތީގައެވެ. ނަމަވެސް ސަރުކާރުގެ އަމާޒަކީ މި ޚިދުމަތުން ލިބޭ އާމްދަނީ އިތުރުކޮށް މިހާރަށް ވުރެ ފުޅާކޮށް މި ޚިދުމަތް ދިނުމެވެ. އެ މަސައްކަތުގެ ތެރެއިން އޮންޝޯ ފެސިލިޓީ ޤާއިމުކޮށް ތެޔޮ ރައްކާކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި އެހެން ޤައުމުތަކުގައި ޚިދުމަތް ދެމުންއަންނަ ފެންވަރަށް ޚިދުމަތް ތަރައްޤީ ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.