ޚަބަރު

ކޯޓުތަކުގައި ނުނިމިހުރި މައްސަލަތައް ވަރަށް މަދުކުރެވިއްޖެ


ޝަރުޢީ ކޯޓްތަކުގައި ނުނިމި ގިނަދުވަސްވެފައިވާ މައްސަލަތަކުގެ ޢަދަދު ދުވަހަކުވެސް ދަށަށް ނުދާވަރަށް ދަށްކުރެވިފައިވާ ކަމަށް ޝަރުޢީ ދާއިރާއިން ހާމަކުރައްވައިފިއެވެ.

ޝަރުޢީ ކޯޓްތަކުގައި ނުނިމި ގިނަދުވަސްވެފައިވާ މައްސަލަތައް ނިންމެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން ސުޕީރިއަރ އަދި މެޖިސްޓްރޭޓް ކޯޓްތަކުގައި އަހަރަކަށްވުރެ ގިނަދުވަސްވެފައިވާ މައްސަލަތަކުގެ ޢަދަދު މިދިޔައަހަރާ އަޅާބަލާއިރު ދެގުނަ ދަށްކުރެވިފައިވާކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހާމަކުރައްވައެވެ. އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓްތަކުގައި ނުނިމި ގިނަދުވަސްވެފައިވާ މައްސަލަތައް ނިންމެވުމަށް މާލެއިން ޝަރުޢީ ދާއިރާގެ ވަފްދުތައް އަތޮޅުތަކަށް ފޮނުއްވައިގެން މައްސަލަތައް ނިންމެވުމުގެ މަސައްކަތްތައް ޝަރުޢީ ދާއިރާއިން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން ސުޕީރިއަރ އަދި މެޖިސްޓްރޭޓް ކޯޓްތަކުގައި މިދިޔަ އަހަރުގެ ނިޔަލަށް ނުނިމި ހުރި 2056 މައްސަލައިގެ ތެރެއިން 807 މައްސަލަ މިއަހަރުގެ މެއި މަހުގެ ނިޔަލަށް ވަނީ ނިންމަވާފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ޝަރުޢީ ވަފްދުތައް އަތޮޅުތަކަށް ފޮނުއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން މިހާތަނަށް ޖުމްލަ 1854 މައްސަލަ ނިންމަވާފައިވާ ކަމަށް ޝަރުޢީ ދާއިރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިގޮތުން ށ. އަތޮޅާއި ދ. އަތޮޅާއި، ވ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ހުރި 1 އަހަރަށްވުރެ ގިނަދުވަސްވީ ހުރިހާ މައްސަލައެއް ބައްލަވައި ނިންމަވާފައިވާ ކަމަށް ޖުޑީޝަރީން ހާމަކުރައްވައެވެ. މިއީ ފަސޭހަކަމާއި، އަވަސްކަމާއެކު ޢަދުލު އިންޞާފަށް ވާޞިލުވުމުގެ ޙައްޤު އެންމެހައި ރައްޔިތުންނަށް ކަށަވަރު ކޮށްދެއްވުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ލިބިގެންދިޔަ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ.

ޝަރުޢީ ކޯޓްތަކުގައި ނުނިމި ގިނަދުވަސްވެފައިވާ މައްސަލަތަކުގެ ޢަދަދު ދުވަހަކުވެސް ދަށަށް ނުދާވަރަށް ދަށްކުރައްވާފައިވާއިރު، ޝަރުޢީ ކޯޓްތަކުން ނިންމަވާ މައްސަލަތަކުގެ ޢަދަދު އެހެން އަހަރުތަކާއަޅާ ބަލާއިރު ވޭތުވެދިޔަ އަހަރު އިތުރުވެފައިވާ ކަމަށް ޝަރުޢީ ދާއިރާގެ 2015 ވަނަ އަހަރުގެ ޕާރފޯމަންސް ރިޕޯޓުން ދައްކައެވެ.