އީރާނަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުން މުއްދަތެއް ނެތް ގޮތުގައި އިތުރު ކުރެއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވިތާ 24 ގަޑިއިރު ނުވަނީސް، އިސްތިރާޖީ ގޮތުން މުހިންމު ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ދެ އުޅަނދެއް ހިފަހައްޓައި އީރާނުން އެ ސަރަޙައްދުގެ ކޮންޓުރޯލު ވަރުގަދަކޮށްފިއެވެ. އީރާނުން މި ފިޔަވަޅު އަޅާފައި މި ވަނީ، އީރާންގެ ބަނދަރުތައް ޙިޞާރުކޮށް، އީރާންގެ އުޅަނދުތަކެއް އެމެރިކާގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ދަނޑިވަޅެއްގައެވެ.
އެޕްރީލު 22 ގައި ހިންގި އޮޕަރޭޝަންތަކުގައި އީރާނުގެ އަސްކަރިއްޔާއިން ދެ އުޅަނދެއް ހިފަހައްޓާފައިވާއިރު، މިއީ އީރާނާ ދެކޮޅަށް ފެބުރުވަރީ 28 ގައި ހަނގުރާމަ ފެށި ފަހުން އުޅަނދުތަކެއް ހިފަހައްޓާފައިވާ ފުރަތަމަ ފަހަރެވެ. މި ނުތަނަވަސްކަމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ވަނީ ފީފާއެއް 100 އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އުފުލިފައެވެ.
އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ހިފަހައްޓާފައިވަނީ ލައިބީރިޔާގެ 'އެޕަމިނޮންދާސް' އާއި ޕެނަމާގެ 'އެމްއެސްސީ ފްރަންޗެސްކާ' އެވެ. ގްރީސްގެ ޓެކްނޯމާ ޝިޕިންގް ކުންފުނިން ބުނީ، އައިއާރްޖީސީން ދިން ޙަމަލާތަކުގައި އެޕަމިނޮންދާސްއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައެވެ. ނަމަވެސް، އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ.
އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ވިދާޅުވީ، އެމެރިކާގެ ކަނޑުގެ ޙިޞާރު ދެމިއޮތްހާ ހިނދަކު ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމުގެ ޙަޤީޤީ މާނައެއް ނެތް ކަމުގައެވެ. އީރާނުގެ ޢާންމު ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ ބިނާރާއި ވަސީލަތްތަކަށް ޙަމަލާދެއްވާނެ ކަމުގެ އިންޒާރު ޓްރަމްޕް އޮތީ ދެއްވާފައެވެ. އެކުވެރި ދައުލަތްތަކުން (އދ) ވަނީ އެއީ ބައިނަލްއަޤުވާމީ އިންސާނީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ބުނެ އިންޒާރު ދީފައެވެ.
މި ނުތަނަވަސްކަން އޭޝިޔާގެ ސަރަޙައްދުތަކަށް ވެސް ވަނީ ފެތުރިފައެވެ. އެމެރިކާގެ އަސްކަރިއްޔާއިން ވަނީ މެލޭޝިޔާ އަދި އިންޑިޔާގެ އައްސޭރިފަށުން ދަތުރުކުރަމުން ދިޔަ އީރާންގެ ތިން އުޅަނދެއް ކަމުގައިވާ 'ޑީޕް ސީ'، 'ސެވިން' އަދި 2 މިލިޔަން ފީފާގެ ތެޔޮ ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ 'ދޮރޭނާ' ހިފަހައްޓާފައެވެ. މި ތިން އުޅަނދަކީ ވެސް އީރާނުން ތެޔޮ ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ އުޅަނދުތަކެކެވެ.
ދެ ފަރާތުގެ މެދުގައި ޕާކިސްތާނުން މެދުވެރިވެގެން ސުލްޙައިގެ ވާހަކަތައް ބޭއްވުމަށް ކުރަމުންދާ މަސައްކަތްތަކުގައި އަދިވެސް ކުރިއެރުންތަކެއް ހޯދިފައި ނުވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. މި ވަގުތު އޮތް އެންމެ ބޮޑު މައްސަލައަކީ އެމެރިކާގެ ޙިޞާރެވެ. އެމެރިކާގެ އަސްކަރިއްޔާއިން މިހާތަނަށް ވަނީ އީރާންގެ 28 އުޅަނދަކަށް ހުރަސްއަޅާފައެވެ. ޞަހްޔޫނީންގެ ބަހަށް ހެއްލި އީރާނާ ދެކޮޅަށް ޓްރަމްޕް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމައިގެ ތެރެއިން އީރާނާއި ލުބްނާނުން ޖުމުލަ 5,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.