ޚަބަރު

6 ރަށެއްގައި ފިއުލް ސްޓޭޝަން ޤާއިމުކޮށް ޚިދުމަތް ދޭން ފަށައިފި


  • 18 ރަށެއްގައި ފިއުލް ސްޓޭޝަން ޤާއިމްކުރާނެ

  • އަމާޒަކީ ހުރިހާ އަތޮޅެއްގައި ފިއުލް ސްޓޭޝަން ޤާއިމުކުރުން

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފަސޭހަ ކަމާއިއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން މިހާތަނަށް 6 ރަށެއްގައި ފިއުލް ސްޓޭޝަންތައް ޤާއިމުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

މި ސަރުކާރު ވެރިކަމާއި ޙަވާލުވީއިރު މަސްވެރިންގެ ފަރާތުން ކަންބޮޑުވުންތަކަކާއި ޝަކުވާތަކެއް އޮތެވެ. އޭގެތެރެއިން އެއް ޝަކުވާއަކީ، އަތޮޅުތެރެއިން ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމްތަކެއް ހަމަޖެހިފައި ނެތުމެވެ. މިކަން ޙައްލު ކޮށްދެއްވުމަށް ސަރުކާރުން ވަނީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް ފިއުލް ސްޓޭޝަންތަކެއް ޤާއިމްކުރުމުގެ މަސައްކަތް ފައްޓަވާފައެވެ.

ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފިއުލް ސްޓޯރޭޖްތައް ޤާއިމުކުރުމަށް ނިންމަވާފައެވެ. މީގެ ތެރެއިން އެފްއެސްއެމްގެ ފުރަތަމަ ފިއުލް ސްޓޯރޭޖް ހުޅުވީ، 2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން ރ.ދުވާފަރުގައެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 18 ރަށެއްގައި ފިއުލް ސްޓޭޝަން ޤާއިމްކުރާނެއެވެ.

މި މަޝްރޫޢުގެ އަމާޒަކީ، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފިއުލް ސްޓޭޝަން ޤާއިމުކޮށް، މަސްވެރިންނާއި ޢާންމު ރައްޔިތުންނަށް ތެޔޮ ލިބޭނެ އިންތިޒާމެއް ޤާއިމުކުރުމެވެ. އެގޮތުން ރ.ދުވާފަރުގެ އިތުރުން ހއ.އިހަވަންދޫ، ހދ.ހަނިމާދޫ، ށ.މިލަންދޫ އަދި ބ.އޭދަފުށީގެ އިތުރުން ފ.ނިލަންދޫގައި ވަނީ ފިއުލް ސްޓޭޝަން ޤާއިމްކޮށްފައެވެ. މި މަޝްރޫޢުގެ އިތުރުން އެފްއެސްއެމްއިން ކުރަމުންދާ މަސައްކަތުގެ ދަށުން ދ.ކުޑަހުވަދޫގައިވެސް ވަނީ ފިއުލް ސްޓޭޝަނެއް ހުޅުވައި ޚިދުމަތް ދޭން ފަށާފައެވެ.

މީގެ އިތުރުން ޏ.ފުވައްމުލަކުގައި ތެޔޮ އެޅުމުގެ އިންތިޒާމު އިތުރަށް ފުރިހަމަ ކުރުމަށް އިތުރު ބައުޒަރެއް އޮޕަރޭޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. މިއީ، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން އެސްޓީއޯއާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެފްއެމްއެސްގެ ޚިދުމަތް މާލޭގެ އިތުރުން މިހާރު ދެމުން އަންނަނީ އައްޑޫ ސިޓީ ގަން، ހުޅުމީދޫ، ފުވައްމުލަކު، ކޫއްޑޫ، ތިނަދޫ އަދި ފެލިވަރުގައެވެ.