ތަރައްްޤީ

ހިންނަވަރުގައި ހެލްތީ ލައިފްސްޓައިލާބެހޭ ތަމްރީން ޕްރޮގްރާމެއް


ހިންނަވަރު ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް އަމާޒުކުރައްވައިގެން ހެލްތީ ލައިފްސްޓައިލާބެހޭ ތަމްރީން ޕުރޮގްރާމެއް ފަށްޓަވައިފިއެވެ. މި ޕްރޮގްރާމް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ.

މި ޕްރޮގްރާމަކީ ޢާންމު ދިރިއުޅުމުގައި ކަންތައްތައް ބަހައްޓަން ޖެހޭގޮތާއި، ޞިއްޙީ ރައްކާތެރިކަމަށް ފަހިވާނޭހެން ދިރިއުޅުން ބައްޓަންކުރާނެ ގޮތުގެ މަޢުލޫމާތާއި، ގައިން ގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޢުލޫމާތު ދެއްވުމަށް ހިންގެވި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ފެށްޓެވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމް ވަނީ ބަލިތަކުން ރައްކާތެރިވެރި ތިބުމަށް ދުރާލައި މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. ޞިއްޙީ ދާއިރާގެ ބަޖެޓްގެ ބޮޑުބައެއް މިހާރުވެސް ހޭދަކުރައްވަނީ ބަލިވީމަ ބޭސްކުރަންކަން ފާހަގަކުރައްވައި، ދުރާލައި ބަލިތަކުން ރައްކާތެރިވެގެން ތިބޭނަމަ، ބަޖެޓުން އެ ޚަރަދުވާ ފައިސާ ތަރައްޤީގެ އެހެން ކަންތައްތަކަށް ބޭނުންކުރެވިދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ސްކޫލް ކުދިން ތަފާތު ވައްތަރުގެ އެނަރޖީ ޑްރިންކް ފަދަ ތަކެތި ބޭނުންކުރަމުން ގެންދާ ފާހަގަކުރައްވައި، މިކަމުގެ ނުރައްކާތެރިކަމާމެދުވެސް ވާހަކަފުޅުދެއްކެވިއެވެ. އަދި މި ޕްރޮގްރާމްގެ އަލީގައި ދަރިވަރުންނަށް މިފަދަ ކަންތައްތަކާބެހޭ މަޢުލޫމާތު ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.