ޚަބަރު

"ޓެން އައުޓްސްޓޭންޑިންގް ޔަންގް ޕާރސަންސް އެވޯޑް" 10 ފަރާތަކަށް


ޖޫނިއަރ ޗެމްބަރ އިންޓަރނޭޝަނަލް މޯލްޑިވްސްއިން މުޖުތަމަޢުގެ އެކި ފަންނުތަކުން ކުރިއަރާފައިވާ ޒުވާނުންނަށްދޭ "ޓެން އައުޓްސްޓޭންޑިންގް ޔަންގް ޕާރސަންސް އެވޯޑް" ރާއްޖޭގެ 10 ފަރާތަކަށް ދެއްވައިފިއެވެ. މި އެވޯޑް ދިނުން އޮތީ ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ޖޫނިއަރ ޗެންބަރ އިންޓަރނޭޝަނަލްއިންދޭ "ޓެން އައުޓްސްޓޭންޑިންގް ޔަންގް ޕާރސަންސް އެވޯޑަކީ މުޖުތަމަޢުގެ އެކި ދާއިރާތަކުން ކުރިއެރުން ހޯދާފައިވާ އަދި ހޯދަމުން އަންނަ ޒުވާނުންގެ އަގުވަޒަންކޮށް ހިއްވަރުދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ. މި އެވޯޑް ދީފައިވަނީ މުޖުތަމަޢުގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވުނު އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން ޖަޖުންގެ ޕެނަލަކުން ހޮވާލެވުނު 10 ފަރާތަކަށެވެ.

މިއަހަރު ޖޭސީއައިއިން ދިން "ޓެން އައުޓްސްޓޭންޑިންގް ޔަންގް ޕާރސަންސް އެވޯޑް" ހާޞިލްކުރި 10 ބޭފުޅުންނަކީ:

އިންސާނިއްޔަތަށް ޚިދުމަތްކުރުމާއި ދަރުމަވެރިވުމުގެ ދާއިރާއިން

- ޢާއިޝަތު ޝިފްނީޒް ޝާކިރު

- ދިމްނާ ފާކިރު

- ރާނިޔާ ޞާބިރު

- ސަފާޢަތު އަޙްމަދު ޒާހިރު

ސިޔާސީ ޚިދުމަތާއި ސަރުކާރަށް ޚިދުމަތްކުރުމުގެ ދާއިރާއިން

- ޢާއިޝަތު ރަފިއްޔާ

ވިޔަފާރިއަށް ޚިދުމަތްކުރެއްވުމުގެ ދާއިރާއިން

- ޑރ. ޢާއިޝަތު މުނީޒާ

- އިސްމާޢީލް ޙަމީދު

ތަޢުލީމީ ދާއިރާއާއި އިސްނަގައި މަސައްކަތްކުރެއްވުމުގެ ދާއިރާއިން

- އިބްރާހީމް ނަޞްރީން (ޕަބްލިކް ސަރވިސް މީޑިއާގެ، ޑިރެކްޓަރ އީކޮމާރސް އެންޑް މާރކެޓިން)

- ޑރ. މަރިޔަމް ވަސީމާ

ޕާރސަނަލް އިންޕްރޫވްމެންޓް ދާއިރާއިން

- ޢާއިޝަތު ނާޒިމާ

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫތް މިނިސްޓަރގެ ނާއިބު ނާއިފް ޝައުކަތު ވިދާޅުވީ ސަރުކާރުން ޒުވާނުންގެ ޚިދުމަތްތައް ބަލައިގަނެ އަގުވަޒަން ކުރައްވާކަމަށާއި، ސަރުކާރުން ކުރިއަށް ގެންދަވާ ހުރިހާ މަޝްރޫޢުތައް ބޮޑަށް އަމާޒުކުރައްވަނީ ޒުވާނުންނަށްކަމަށެވެ.

މިޖަލްސާގައި ވާހަކަދައްކަވަމުން ޖޭސީއައި އިންޓަރނޭޝަނަލްގެ އޭޝިއާ ސަރަޙައްދުގެ ނާއިބުރައީސް ޖެނިފަރ ގްރޭސީ ވިދާޅުވީ މުޖުތަމަޢުގެ ޒުވާނުންނަށް ހިއްވަރުދީ ޒުވާނުން ތަރައްޤީކުރުމަށް ޖޭސީއައިއިން މެންބަރު ޤައުމުތަކަށް އެހީތެރިކަންދެމުން ގެންދާނެކަމަށެވެ. އެގޮތުން ދިމާވާ އެކި ކަންކަމުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައިވެސް ޖޭސީއައިއިން ދެމިއޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޖޭސީއައި މޯލްޑިވްސްގެ 2016 ވަނައަހަރުގެ ރައީސް، ޔާމީން އާދަމް ވިދާޅުވީ ޒުވާނުންނަށް ފަހި ފުރުޞަތުތައް ޖޭސީއައިއިން ފަހިކޮށްދެމުން ގެންދާނެކަމަށާއި، އެގޮތުން މިފަދަ އެވޯޑްތައް ބާއްވައި ޒުވާނުންގެ ޚިދުމަތްތަކުގެ އަގު ވަޒަންކުރަމުން ގެންދާނެކަމުގައެވެ.

img:http://s4.psmnews.mv/images/660x400/14753978777889.jpg|ޖޫނިއަރ ޗެމްބަރ އިންޓަރނޭޝަނަލްއިން ދުނިޔޭގެ ފެންވަރުގައި ދޭ އެވޯޑް ހަފްލާގައި ރާއްޖެ ތަމްސީލް ކުރުމަށް ނޮމިނޭޓްވި ޢާއިޝަތު ރަފިއްޔާ- ފޮޓޯ: ޕީއެސްއެމް

މީގެ އިތުރުން ޖޫނިއަރ ޗެމްބަރ އިންޓަރނޭޝަނަލްއިން ދުނިޔޭގެ ފެންވަރުގައި ދޭ އެވޯޑް ހަފްލާގައި ރާއްޖެ ތަމްސީލުކުރުމަށް، ސިޔާސީ އަދި ސަރުކާރަށް ޚިދުމަތްކުރުމުގެ ދާއިރާއިން އެވޯޑް ޙާޞިލްކުރެއްވި ޢާއިޝަތު ރަފިއްޔާ ވަނީ ނޮމިނޭޓް ކޮށްފައެވެ. އަދި މި ހަފްލާގައި ޖޭސީއައި އިން ބޭއްވި އެވޯޑް ޙަފްލާގެ ކަންކަން އިންތިޒާމްކުރުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާފައިވާތީ ޕަބްލިކް ސަރވިސް މީޑިއާއަށް ހަނދާނީ ފިލައެއްވެސް އަރުއްވާފައިވެއެވެ.

ރޭގެ ރަސްމިއްޔާތުގައި ޕީސް ކެމްޕެއިންނަށް ދިޓިއުން ބޭންޑުން ހަދާފައިވާ ލަވައެއްވެސް ވަނީ ރަސްމީކޮށް ލޯންޗްކޮށްފައެވެ. ޖޫނިއަރ ޗެމްބަރސް އިންޓަރނޭޝަނަލްއަކީ 120 ޤައުމުގައި ހިނގަމުންދާ 200 ހާހަށްވުރެ ގިނަ މެންބަރުން ހިމެނޭ ޖަމްޢިއްޔާއެކެވެ.