ޚަބަރު

"ތަރައްޤީގެ މަސައްކަތްތަކަށް ރައްޔިތުންގެ އެއްބާރުލުން މުހިންމު"


ހިޖުރައިގެ ދަރުސްތަކުން ޢިބްރަތް ޙާޞިލުކޮށް، އެއްބައިވަންތަކަމުގެ ގުޅުން ވަރުގަދަކޮށް ބަދަހިކުރުމާއެކު، ސަރުކާރުން ރައްޔިތުންގެ ތަރައްޤީއަށާއި ލުއިފަސޭހައަށް ކުރަމުންގެންދާ މަސައްކަތްތަކަށް ރައްޔިތުން ފުރިހަމަ އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލައްވާފައިވަނީ، ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ތަޙުނިޔާގެ ޚިތާބުގައެވެ. 

ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ރައީސް ޔާމީން ފޮނުއްވި ޚިތާބުގައި، ތަރައްޤީގެ މަގުގައި ފިޔަވަޅުތައް އަޅާއިރު، އެކަންކަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނީ، ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުމާ އެކުގައިކަމާއިމެދު ޔަޤީންކަމަށް ވިދާޅުވިއެވެ. އަދި، ހިޖުރައިގެ ދަރުސްތަކުން ޢިބްރަތް ޙާޞިލުކޮށް، އެއްބައިވަންތަކަމުގެ ގުޅުން ވަރުގަދަކޮށް ބަދަހިކުރުމާއެކު، ސަރުކާރުން ރައްޔިތުންގެ ތަރައްޤީއަށާއި ލުއިފަސޭހައަށް ކުރަމުންގެންދާ މަސައްކަތްތަކަށް ރައްޔިތުން ފުރިހަމަ އެއްބާރުލުން ދެއްވުމަށް ގޮވާލެއްވިއެވެ.

ހިޖުރީ އައު އަހަރާއި ބެހޭ ގޮތުން ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ހިޖުރީ އައު އަހަރު ގެނެސްދެނީ، އުންމަތުގެ މާތް ނަބިއްޔާ ކީރިތި ރަސޫލާ محمّـد رســول اللّـه صـلّى اللّـه علـيـه وسـلّم، މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި މަތިވެރި ހިޖުރައިގެ އަގުހުރި ފިލާވަޅުތަކެވެ. އެ މަތިވެރި ހާދިސާގެ ސަބަބުން، މުސްލިމުންނަށް ލިބުނު ނަޞްރާއި ކާމިޔާބީގެ ހަނދާންތަކެވެ. އަދި، ހިޖުރައިގެ މަތިވެރި ހާދިސާއަކީ، މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގާތް ގުޅުން އަޅުގަނޑުމެންގެ ހިތްތަކުގައި އާލާވާނެ މުހިންމު ހާދިސާއެއްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު އިތުރަށްވަނީ، ހިޖުރައިގެ މަތިވެރި ހާދިސާއިން ޢިބްރަތް ލިބިގަނެ، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ ޢަޒުމް އައު ކުރެއްވުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. އަދި، ހިޖުރީ އައު އަހަރެއް ފެށުމާ ގުޅިގެން، ދިވެހިރާއްޖޭގެ ލޮބުވެތި އުޚުތުންނަށާއި އަޚުންނަށް، މި އުފާވެރި މުނާސަބަތުގެ ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރުމަކީ، އެމަނިކުފާނަށް ލިބޭ ނުހަނު ބޮޑު އުފަލެއްކަން ފާހަގަކުރެއްވިއެވެ. އަދި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކުގެ ވެރިންނަށްވެސް މި މުނާސަބަތުގެ ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް އަރިސްކުރާކަމަށް އެމަނިކުފާނުގެ ޚިތާބުގައި ވިދާޅުވިއެވެ.

އެމަނިކުފާނުގެ ޚިތާބު ނިންމަވާލެއްވީ، މާތްﷲ، މި ފެށުނު 1438 ވަނަ އަހަރަކީ، ދިވެހިރާއްޖެއަށާއި، ދިވެހިރާއްޖޭގެ ލޮބުވެތި އުޚުތުންނަށާއި އަޚުންނަށް ހިތްހަމަޖެހުމާއި އުފާފާގަތިކަމުގައި ވޭތުކުރެވޭ އަހަރެއް ކަމުގައި ލެއްވުމަށް އެދި ދުޢާ ދަންނަވަމުންނެވެ. އަދި، ސަރުކާރުން ތަރައްޤީއަށްޓަކައި ކުރައްވަމުންދާ މަސައްކަތްތަކުގައި ބަރަކާތް ލައްވައި، އެ މަސައްކަތްތަކުގެ ހެޔޮ ފައިދާ ރައްޔިތުންނަށް ދެއްވުމަށާއި، ދިވެހީންގެ މެދުގައި އެއްބަނޑު އެއްބަފާކަމާއި އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި، އަދި، އިސްލާމީ ޤައުމުތަކުގެ މެދުގައި ޞުލްޙައާއި އަމާންކަން ޤާއިމުކުރެއްވުމަށް އެދި ދުޢާ ދަންނަވަމުންނެވެ.