ތަރައްްޤީ

ވިލިނގިލީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އަލުން ފަށައިފި


ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އަލުން ފަށްޓަވައިފިއެވެ.

ވިލިނގިލި ކައުންސިލުން ވިދާޅުވީ ތާރުއެޅުމުގައި ދިމާވި ބައެއް މައްސަލަތައް ޙައްލުކުރެއްވުމަށް ކަމާބެހޭ ތަޖްރިބާކާރުންގެ ލަފައާއެކު މަސައްކަތް އަލުން ފަށްޓަވައި ވަރަށް ބާރު ސްޕީޑެއްގައި މަސައްކަތް ކުރިޔަށްދާކަމަށެވެ.

ވިލިނގިލި މަގުހެދުމުގެ މަސައްކަތަކީ އެރަށުގެ މަގު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރެއްވުމަށް ސަރުކާރުން ހިންގަވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަސައްކަތަށް މުހިންމު ބައެއް ބަދަލުތައް ގެންނަވަމުން ގެންދަވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. މިބަދަލު ގެންނަވަނީ މަޝްރޫޢު ކުރިޔަށް ގެންދަވާއިރު، ރަށުގެ ރައްޔިތުންގެ ބައެއް ހުށަހެޅުން ލިބިވަޑައިގެންފައި ވުމާއެކު، އެ ހުށަހެޅުންތަކަށް ރިޢާޔަތްކުރައްވައި، ސަރުކާރަށް ގެންނެވެން ހުރި ބައެއް ބަދަލުތައް ގެންނެވުމަށްޓަކައެވެ.

ސަރުކާރުން ކުރިޔަށް ގެންދަވާ ވިލިނގިލީ މަގުތައް ޒަމާނީ ފެންވަރަކަށް ހެއްދެވުމުގެ މަޝްރޫޢުގެ ދަށުން މި އަހަރު 6 ކިލޯ މީޓަރުގެ މަގު ހައްދަވައި ނިންމެވުމުގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ މޯލްޑިވްސް ރޯޑް ޑިވަލަޕްމަންޓް ކޯޕަރޭޝަނާއެވެ. މިމަގުތަކުގައި ތާރުއެޅުއްވުމުގެ މަސައްކަތުގެ ދަށުން އެރަށު ސަމުގާ މަގުން ފެށިގެން އަތޮޅު ތަޢުލީމީ މަރުކަޒާ ހަމައަށް ވަނީ ތާރު އަޅުއްވާފައެވެ. އަދި ބޭންކް އޮފް މޯލްޑިވްސް ވިލިނގިލި ބްރާންޗް ހުންނަ މަގުގައިގައި ތާރުއަޅުއްވައި ވަނީ މުޅިން ނިމިފައެވެ.

މީގެ އިތުރުން ވިލިނގިލީގެ އަމީނީ މަގުގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު ޑިޒައިނަށް ބަދަލުތަކެއް ގެންނަވައި، މަސައްކަތް އަލުން ވަނީ ފަށްޓަވާފައި. އަދި ބައެއް ބޮޑެތި މަގުތަކުގައި ތާރައެޅުމުގެ މަސައްކަތް ކަމާބެހޭ ތަޖްރިބާކާރުންގެ އެހީތެރިކަމާއި ލަފއާއެކު ކުރައްވަމުން ގެންދަވާކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ސަރުކާރުގެ ބަޖެޓުން ހޭދަކުރައްވައިގެން ހިންގަވާ މި މަޝްރޫޢުގައި ރަށުގެ ބޮޑެތި މަގުތަކުގައި ފެންހިންދާނެ ނިޒާމް ޤާއިމްކުރައްވައި، މަގުތަކުގައި ހޮޅިވަޅުލައްވައި، ކޭބަލްއަޅުއްވައި، ފެނުގެ ނިޒާމް ޤާއިމްކުރައްވަން ހޮޅިވަޅުލައްވާފައިވެއެވެ.

ވިލިނގިލި މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ކުރިން 14 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވައި، ތާރުއަޅުއްވަން ނިންމަވާފައިވީނަމަވެސް ތާރުއަޅުއްވާ މަގުގެ ޢަދަދު އިތުރުކުރައްވައި މިހާރު ވަނީ 16 މަގެއްގައި ތާރުއެޅުއްވުމަށް ނިންމަވާފައެވެ.