ޚަބަރު

ފޯކައިދޫ ބޮޑެތި މަގުތައް ހެދުމުގެ މަސައްކަތް ފަށައިފި


  • ސައިޓު އެޅުމަށް ބޭނުންވާ ސާމާނު މިހާރު ވަނީ ރަށަށް ފޮނުވާފައި

  • މި މަޝްރޫޢަށް ޖުމްލަ 80.8 މިލިޔަން ރުފިޔާ ޚަރަދުވޭ

ށ. ފޯކައިދޫގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއިން ފަށައިފިއެވެ.

މި މަޝްރޫޢު ރަސްމީކޮށް އާރްޑީސީއާއި ޙަވާލުކޮށްފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްްވުމަށް ބޭއްވި ރަސްމީ ޖަލްސާގައެވެ.

މި މަޝްރޫޢުއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އާރްޑީސީން ވިދާޅުވީ، މި މަޝްރޫޢުގެ ތެރެއިން މަގު ހެދުމަށް ބޭނުންވާ ސަރވޭގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މަގު ހެދުމުގެ މަސައްކަތަށް އެރަށުގައި ޤާއިމުކުރާ ސައިޓު އެޅުމަށް ބޭނުންވާ ސާމާނު މިހާރު އެރަށަށް ފޮނުވާފައިވާ ކަމަށެވެ.

އާރްޑީސީން ވިދާޅުވީ، މި މަޝްރޫޢަކީ ސަރުކާރުގެ ބަޖެޓުން ޖުމްލަ 80.8 މިލިޔަން ރުފިޔާ ޚަރަދު ކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢެއް ކަމަށެވެ. މި މަސައްކަތް އާރްޑީސީއަށް ޙަވާލުކޮށްފައިވަނީ، 730 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.


މި މަޝްރޫޢުގެ ސަބަބުން ފޯކައިދޫގެ މަގުތަކަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބި، ދަތުރުފަތުރު ކުރުމުގައި ރަށުގެ ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އާރްޑީސީން ވަނީ ފާހަގަކުރައްވާފައެވެ.

އާރްޑީސީން ވިދާޅުވީ، މަޝްރޫޢު ކުރިއަށްދާނީ ސަރވޭތަކުން ފާހަގަކުރެވޭ ކަންކަމަށް ބަލައިގެން ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް މި މަސައްކަތުން ވީހާވެސް އުނދަގޫ ނުވާނެ ގޮތްތަކަށް ބަލައިގެން ކަމަށެވެ.

ސަރުކާރުން ދަނީ މަގު ހެދުމުގެ އިތުރުން އެރަށުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އޭގެތެރޭގައި އެރަށުގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތާއި، ކުނި މެނޭޖުކުރާ ސެންޓަރުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.