ޚަބަރު

ޢުމުރުން ދުވަސްވީ މީހުންގެ ދުވަސް، ތުޅާދޫގައި ފާހަގަކުރައްވައިފި


ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ޢުމުރުން ދުވަސްވީ މީހުންގެ ދުވަސް، ސަރުކާރުގެ ފަރާތުން ބ.ތުޅާދޫގައި ފާހަގަކުރައްވައިފިއެވެ.

މި މުނާސަބަތު އެރަށުގައި ފާހަގަކުރެއްވުމަށް، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީއާއި ބ.ތުޅާދޫ ކައުންސިލާއި އެރަށުގެ ޖަމްޢިއްޔާތައް ގުޅިވަޑައިގެން، ޚާއްޞަ ޙަރަކާތްތަކެއް ހިންގަވާފައިވެއެވެ. ރަށުގެ ކަމާބެހޭ އިދާރާތަކުގެ މުވައްޒަފުންނާއި ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީއާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަންގެ ސީއީއޯ މުޙައްމަދު މަނިކު ބައިވެރިވެވަޑައިގެން، މިއަދު ހެނދުނު، ޢުމުރުން ދުވަސްމީހުންގެ ދުވަހުގެ ޚާއްޞަ ރަސްމިއްޔާތެއް، ތުޅާދޫގައި ބާއްވަވާފައިވެއެވެ. މި ބައްދަލުވުމުގައި އެރަށުގައި ތިބި ޢުމުރުން ދުވަސްވީ މީހުން ބައިވެރިކުރައްވާފައިވެއެވެ.

މިރަސްމިއްޔާތުގައި ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ވަނީ، ޢުމުރުން ދުވަސްވީ މީހުންނަށް އަޅާލައި، އޯގާތެރި އަދި ރައްކާތެރި ވެއްޓެއް ބިނާކުރުމާ ބެހޭގޮތުން ވަހަކަފުޅުދައްކަވާފައެވެ. އަދި މުޖުތަމަޢުގައި ދޮށީ ޢުމުރުގެ މީހުންގެ ބައިވެރިވުން އިތުރުކޮށް، އެމީހުންނަށް އުފާވެރިކަމާއި މިނިވަންކަމާއެކު އުޅެވޭނެ މަގުތަނަވަސްކޮށްދިނުމަށްވެސް ޖެންޑަރ މިނިސްޓަރގެ ވާހަކަފުޅުގައި ބާރުއެޅުއްވިއެވެ.

ޢުމުރުން ދުވަސްވީ މީހުންގެ ޚިދުމަތުގެ އަގުވަޒަންކުރުމަށާއި މުޖުތަމަޢުގައި އެމީހުން އަދާކުރަމުން އަންނަ ދައުރު ފާހަގަކުރެއްވުމުގެ ގޮތުން ހިންގެވުމަށް ރޭއްވެވި ސޯޝަލް މީޑިއާގެ ޚާއްޞަ ކެމްޕެއިނެއް މިއަދު ތުޅާދޫގައި ޖެންޑަރ މިނިސްޓަރ ވަނީ ފަށްޓަވައިދެއްވާފައެވެ. މި ކެމްޕެއިން ހިންގަވަން ހަމަޖެހިފައިވަނީ "އަގުވަޒަންކުރުން" މި ނަމުގައެވެ.