ތަރައްްޤީ

ތަރައްޤީގެ މަޝްރޫއުތަކުގެ ތެރެއިން، މަގުހެދުމުގެ މަޝްރޫޢުތައް


އަތޮޅުގެރޭގެ ރަށްރަށުގެ މަގުތަކުގެ ޙާލަތު ދަށްކަމުގެ ޝަކުވާ އަބަދުވެސް އެ އިރެއްގައި އޮންނަ ސަރުކާރަކަށް އެ ރަށްރަށުގެ ރައްޔިތުން ހުށައަޅައެވެ. ރައްޔިތުންގެ މި އަޑުތައް އައްސަވައި، މިކަން ޙައްލުކޮށްދެއްވުމަށް މިހާރުގެ ސަރުކާރުން މިވަނީ ރަށްރަށުގެ މަގުތައް ރަނގަޅުފެންވަރަކަށް ހެއްދެވުމުގެ މަޝްރޫޢުތައް އެއްފަހަރާ ގިނަ ރަށްތަކެއްގައި ފަށްޓަވާފައެވެ. ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 560 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން މިހާރުވެސް 11 ރަށެއްގެ މަސައްކަތް މިވަނީ ޢަމަލީ ގޮތުން ފަށްޓަވާފައެވެ. އަދި މީގެ ކުރިން މަސައްކަތް ފަށައި، އެކި ސަބަބުތަކާހުރެ މަޑުޖެހިފައިހުރި މަޝުރޫޢުތަކުގެ މަސައްކަތުގެ ދުވެލިވެސް މި ވަނީ އަވަސްކުރައްވާފައެވެ.

މި މަސައްކަތްތަކަކީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ޙަވާލުކުރައްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްތަކެކެވެ. ފާއިތުވެދިޔަ ހަފްތާ ތެރޭގައިވެސް 5 ރަށެއްގެ ޢަމަލީ މަސައްކަތް ފަށްޓަވާފައިވާކަމަށް އެމްއާރްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މަމްދޫޙް ވިދާޅުވިއެވެ. މަމްދޫޙް ވިދާޅުވީ، އަމާޒަކީ މީގެތެރެއިން ގިނަ މަޝްރޫޢުތައް 2017 ވަނަ އަހަރުގެ ކުރީކޮޅު ނިންމާލުން ކަމުގައެވެ.

img:http://s3.psmnews.mv/images/660x400/14754093151348.jpg|މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ރަށްތައް

މިހާރު މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ރަށްރަށުގައި މަސައްކަތް ކުރިއަށްދާގޮތަށް ބަލާއިރު:-

- ހއ. ދިއްދޫގެ 14 މަގެއް ތާރުއެޅައިގެން ހެދުމުގެ އެންމެ ފަހުގެ ތައްޔާރީތައް އެރަށުގައި މިހާރު ދަނީ ކުރަމުންނެވެ. މިއީ ގާތްގަނޑަކަށް 49 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

- ހދ. ކުޅުދުއްފުށީގެ 17 މަގެއް ތާރުއަޅައިގެން ހެއްދެވުމުގެ މަސައްކަތް އެރަށުގައި ވަނީ މިދިޔަ ހަފްތާތެރޭގައި ފަށްޓަވާފައެވެ. މިއީ، ގާތްގަނޑަކަށް 60 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

- ރ. މީދޫގެ 7 މަގެއް ގާއަޅައިގެން ހެއްދެވުމުގެ މަސައްކަތް މިދިޔަ ހަފްތާ ތެރޭގައި އެރަށުގައި ވަނީ ފަށްޓަވާފައެވެ. މިއީ، ގާތްގަނޑަކަށް 30.6 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

- ރ.އުނގޫފާރުގައި 14 މަގެއް ތާރުއަޅައިގެން ހެއްދެވުމުގެ މަސައްކަތް ފަށްޓަވާފައިވަނީ މިދިޔަ ހަފްތާގައެވެ. މިއީ، ގާތްގަނޑަކަށް 32 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

- ބ.އޭދަފުށީގެ 15 މަގެއް ތާރު އަޅައިގެން ހެއްދެވުމުގެ މަސައްކަތްވެސް މިހާރުވަނީ ފަށްޓަވާފައެވެ. މިއީ، ގާތްގަނޑަކަށް 33 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

- އދ. މަހިބަދޫގެ 9 މަގެއް ގާ އަތުރައިގެން ހެއްދެވުމުގެ މަސައްކަތް ފަށްޓަވާފައި މިދިޔަ ހަފްތާތެރޭގައެވެ. މިއީ، ގާތްގަނޑަކަށް 27 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

- ދ. ކުޑަހުވަދޫގެ 13 މަގެއް ތަރުއަޅައިގެން ހައްދަވާއިރު މި މަޝްރޫޢުގެ 98 އިންސައްތަ މިހާރު ވަނީ ނިމިފައި. މިއީ، ގާތްގަނޑަކަށް 76 މިލިއަން ރުފިޔާގެ މަޝްރޫއެއް.

- ތ.ވިލުފުށީގެ 12 މަގެއްގައި ތާރު އަޅައިގެން ހެއްދެވުމަށް ފަށްޓަވާފައިވާ މަޝްރޫއުގެ 99 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މިއީ، ގާތްގަނޑަކަށް 69 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

- ގއ. ވިލިގިލީ މަގުތައް ތާރު އަޅާއިގެން ހެއްދެވުމުގެ މަޝްރޫއުގެ 98 އިންސައްތަ ވަނީ ނިމިފައެވެ. މިއީ، ގާތްގަނޑަކަށް 64 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

- ގދ. ތިނަދޫ މަގު ހެއްދެވުމުގެ މަޝްރޫއުގެ 96 އިންސައްތަ ވަނީ ނިމިފައެވެ.

މީގެ އިތުރުން ޏ. ފުވައްމުލަކުގެ ބައެއް މަގުތައް ވެލި އަޅައިގެން ހެއްދެވުމުގެ މަސައްކަތް މިހާރު ފަށްޓަވާފައިވާއިރު، ހދ. ހަނިމާދޫގެ މަގުތައް ހެއްދެވުމުގެ މަސައްކަތްވެސް މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭވަރުވާނެކަމަށް އެމްއާރުޑީސީން ވިދާޅުވެއެވެ. މިއީ ގާތްގަނޑަކަށް 85 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ސަރުކާރުގެ އަމާޒަކީ މާލެއެކޭ އެފަދައިން އަތޮޅުތެރޭގައި ދިރިއުޅޭ ފަރާތްތަކަށްވެސް ފަސޭހަ ފަހި ފުރުޞަތުތަކެއް ހޯއްދަވައިދެއްވުމެވެ.