ޚަބަރު

ބީއެމްއެލް އާއި ވީރަންއާ ދެމެދު އެއްބަސްވުމެއް ގާއިމްކޮށްފި


ޤައުމީ ބޭންކް، ބީއެމްއެލް އިން 'ވީރަން މޯލްޑިވްސްއާ' އެކު ޕާޓްނަރޝިޕް އެއްބަސްވުމެއް ގާއިމްކޮށްފިއެވެ.

މި އެއްބަސްވުމަކީ ކުންފުނިތަކާއި މުއައްސަސާތަކާއި ޖަމިއްޔާތަކުގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމާއި ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކުރަން، ވީރަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ކޯޕަރޭޓް ރަންއަށް އެއްބާރުލުންދިނުމުގެ ގޮތުންވި އެއްބަސްވުމެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އެއްބަސްވުން އެކުލަވާލާފައި ވަނީ ދެ އަހަރުގެ މުއްދަތަކަށެވެ.

މި ޕާޓްނަރޝިޕްގެ ދަށުން، ކުރިއަށް އޮތް ދެ އަހަރު ދުވަހު މި ހަރަކާތް އިންތިޒާމުކޮށް ކުރިއެރުވުމަށް، ބީއެމްއެލް އިން ވީރަން މޯލްޑިވްސްއަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ވީރަން މޯލްޑިވްސް އިން ބާއްވާ ފުރަތަމަ ދުވުން މިއަހަރު ބާއްވާއިރު، މި ހަރަކާތަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި، މުއައްސަސާތަކާއި އަދި ޖަމިއްޔާ ޖަމާއަތްތަކަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ، ކޮންމެ ޓީމެއްގައި 5 ދުވުންތެރިން ހިމެނޭ، ކޮންމެ ދުވުންތެރިއަކު 1 ކިލޯމީޓަރު ދުވަންޖެހޭ ރިލޭ ރޭހެކެވެ.

މި ރޭހަކީ ކުޅިވަރުގެ ވާދަވެރިކަމާއި ކޯޕަރޭޓް ވަކިވަކި ސިފަތައް އެކުލެވޭ، ޓީމް ރޫހު ވަރުގަދަކުރުމަށާއި ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ބީއެމްއެލް އިން ސިފަކުރެއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ގައުމީ ފެންވަރުގެ މަޝްރޫޢުތަކާއި، ސްޓްރެޓީޖިކް ޕާޓްނަރޝިޕްތަކާއި، ޒުވާނުން ބާރުވެރިކުރުވުމާއި، މަސައްކަތުގެ މާހައުލުގައި ދުޅަހެޔޮކަން އިތުރުކުރުމާއި، މުޅި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.