އޭނާގެ ކުރީގެ ކުލަބު ޓޮޓެންހަމަކީ ކާމިޔާބު ހޯދާ ކޯޗުންނާ މެދު އިހާނަތިކޮށް ހަދާ ބައެއް ކަމަށް ތަޖުރިބާކާރު ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ޕޯޗުގަލްގެ ބެންފިކާގައި މި ވަގުތު ހުރި ކޯޗު މޮރީނިއޯ ޓޮޓެންހަމުގެ ކޯޗުކަން ކަމުން ވަކިކުރީ އެންމެ ފޮޅު އަހަރު ތެރޭގަ އެވެ.
"އެ މީހުންނަކީ ކާމިޔާބު ހޯދައިދޭ ކޯޗުންނަށް އިހްތިރާމް ކުރާ ބައެއް ނޫން. މިސާލަކަށް ބަލާ ޕޮޗެޓިނޯ އެ މީހުންނަށް ގެއްލުނީ. އޭނާ ވަނީ އެ މީހުން ޗެމްޕިއަންސް ލީގު ފައިނަލަށް ގެންގޮސްދީފައި. އަހަރެން ވަކި ކުރީ ކަޕް ފައިނަލަށް ދިޔަ ތަނުން. ދެން މިދިޔަ ސީޒަނުގައި ޔޫރޮޕާ ލީގު ހޯދައިދިން ކޯޗު އެންޖޭ ޕޮސްޓެޗެގްލޫ ވަކިކުރީ އޭނާ ތަށި ހޯދައިދިންތާ ހަތަރު ދުވަސް ފަހުން. މިހެންވީމާ އެމީހުންނަކީ ކޯޗުންނާމެދު ވަރަށް ނުބައިކޮށް ހިތާ ބައެއް،" މޮރީނިއޯ ބުންޏެވެ.
ޗެލްސީގެ އެންމެ ކާމިޔާބު ކޯޗު އަދި ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑާއި އިޓަލީގެ އިންޓަމިލާނާއި ރޯމާގެ އިތުރުން ޕޯޗުގަލްގެ ޕޯޓޯގައި ވެސް ކާމިޔާބު ހޯދި ކޯޗު ޓޮޓެންހަމް މި ސީޒަނުގައި ރެލިގޭޓްނުވެ ސަލާމަތްވާން އުޅޭއިރު ކުލަބުގެ ކުރިމަގު ބަނަ ކަމަށެވެ. ސަބަބަކީ ޕްލޭނެއް ނެތުން ކަމަށެވެ.
"އެ މީހުންގެ ދިގު މުއްދަތުގެ ޕްލޭނެއްގެ ވާހަކަ ކޮންމެ ކޯޗެއްގެ ގާތުގައި ވެސް ދައްކާ. އެކަމަކު އެއީ ކުރު މުއްދަތުގެ ޕްލޭނެއް ވެސް ނެތް ބައެއް. އަހަރެން ކުލަބުގައި ހުރިއިރު ގިނަ ފަހަރު އަހަރެން ގާތުގައި ދެއްކި ވާހަކަ ދިމާނުވޭ،" މޮރީނިއޯ ބުންޏެވެ.
އަންނަ ސީޒަނުގެ ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމަށް ހިނގައިދާނެ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް މޮރީނިއޯ ވަނީ އެ ވާހަކަ ދޮގު ކޮށްފަ އެވެ. އޭނާ ބުނީ ބެންފީކާއިން ބޭނުންވާނަމަ ކުލަބުގައި މަޑު ކުރާނެ ކަމަށެވެ.