ޚަބަރު

މަހުގެ ބާވަތްތައް ސުން ޕަސެންޓްގައި ޗައިނާއަށް އެކްސްޕޯޓް ކުރަނީ


ރާއްޖެއާއި ޗައިނާއާ ދެމެދު އެކުލަވާލުމަށް މަސައްކަތްކުރައްވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ފަހު ބައްދަލުވުމުގައި ރާއްޖެއިން އެންމެ އިސްކަމެއް ދީފައިވަނީ، ރާއްޖެއިން އުފައްދާ އަދި އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ސުން ޕަސެންޓްގައި ޗައިނާއަށް އެކްސްޕޯޓުކުރުމަށް މަގުފަހިކުރެއްވުމަށް ކަމަށް އޮކޮނަމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.ރާއްޖެއާއި ޗައިނާއާ ދެމެދު އެކުލަވާލުމަށް މަސައްކަތް ކުރައްވަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ފަހު ބައްދަލުވުމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ނެރުއްވި ބަޔާނުގައި ވަނީ ދިވެހިރާއްޖެއިން ސޮއިކުރާ ފުރަތަމަ ބައިލެޓްރަލް މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި އަންނަ 2017 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ޗައިނާއާއެކު ސޮއިކުރެއްވުމަށް ވަނީ ހަމަޖައްސަވައިފައިވާ ކަމަށެވެ. 

ހަތަރުވަނަ އަދި އެންމެ ފަހު ބުރުގެ މަޝްވަރާތަކުގައި ދިވެހިރާއްޖެއިން އެންމެ އިސްކަމެއް ދީފައިވަނީ، ރާއްޖޭން އުފައްދާ އަދި އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރައްވާ ތާރީޚުން ފެށިގެން ސުން ޕަސެންޓުގައި ޗައިނާއަށް އެކްސްޕޯޓުކުރެއްވުމަށް މަގުފަހިކުރައްވަންކަމަށް އޮކޮނަމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ދިވެހި ވިޔަފާރިތަކަށް ހުރި ހުރަސްތައް ނައްތާލައި ޚިދުމަތާއި މުދަލުގެ ވިޔަފާރީގެ ދާއިރާއިން ދިވެހިރާއްޖެއަށް އެންމެ ފައިދާހުރި ގޮތަށް އިންތިޒާމުތައް ހަމަޖައްސަވައި ހުޅުއްވާލެއްވުމުގެ ވިސްނުންފުޅުވެސް ގެންގުޅުއްވާކަމަށް އިކޮނަމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މިނިވަން ވިޔަފާރީގެ މަޝްވަރާތަކުގައި ހޮންކޮންގ ރަސްމީގޮތުން ބައިވެރިވުމަށް ނިންމުމާ ގުޅިގެން ރާއްޖެއާއި ހޮންކޮންގުން މިނިވަން ވިޔަފާރީގެ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން ހޮންކޮންގގައި ބޭއްވިފައިވާއިރު، މިމަޝްވަރާތަކުގައި ދެފަރާތުން މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ކުރިއަށް ގެންދާނެ ގޮތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރެވި، އެއްބަސްވުމަކަށް އާދެވެފައެވެ. ދެފަރާތުގެ މެދުގައި ކުރެވޭ މަޝްވަރާތައް 2017 ގެ މެދުތެރޭގައި ނިންމާލުމަށް އެއްބަސްވެ ހަމަ އެހަރުތެރޭގައި އެއްބަސްވުމުގައި ސޮއިއިކުރެއްވުމަށް ވަނީ ނިންމާފައެވެ. ހޮންކޮންގއާއެކު އެކަށައެޅޭ އެއްބަސްވުމުގެ ސަބަބުން ޚިދުމަތުގެ ވިޔަފާރި، ޚާއަޞަގޮތެއްގައި ދިވެހިރާއްޖޭގެ މާލީ ދާއިރާ ފުޅާކޮށް ހަރުދަނާކުރުމަށް ހޮންކޮންގގެ ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ހާމަކުރައްވައެވެ.

މިއީ ދިވެހިރާއްޖޭގެ ވިޔަފާރީގެ މާހައުލު ހުޅުވާލައި، އިޤްތިޞާދު ހަރުދަނާކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފަށްޓަވާފައިވާ އިޤްތިޞާދީ އެޖެންޑާ ތަންފީޒުކުރެއްވުމަށް ސަރުކާރުން އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސަކަތުގެ ތެރެއިން ކުރިއަށް ގެންދެވޭ މުހިއްމު މަސައްކަތެކެވެ. ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ހަތަރުވަނަ އަދި އެންމެ ފަހު ބުރުގެ މަޝްވަރާ ބައްދަލުވުން ހޮންކޮންގައި މިމަހުގެ 26 ން 30 އަށް ވަނީ ބޭއްވިފައެވެ.