ޚަބަރު

"ސަރުކާރުން ކަންކަން ކޮށްދެނީ ދޭ ވޯޓަކަށް ބަލައިގެން ނޫން"


  • ހުރިހާ ރަށެއްގައިވެސް ފަށާފައިވާ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށްދާނެ

  • ކައުންސިލްތަކުން ސަރުކާރަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންނެވި

ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދެނީ ދޭ ވޯޓަކަށް ބަލައިގެން ނޫން ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މި މަހުގެ 4ވަނަ ދުވަހު ބޭއްވިި އިންތިޚާބުގައި އިދިކޮޅު ކައުންސިލަރުން އިންތިޚާބުވި ރަށްރަށުގެ މަޝްރޫއުތައް ސަރުކާރުން ކުރިއަށްގެންދާނެތޯ މެންބަރުން ވަނީ ސުވާލުކުރައްވާފަައެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. މި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އިންތިޚާބުތަކުގެ ނަތީޖާއަކަށް ނުބަލާނެ ކަމަށާއި ހުރިހާ ރަށެއްގައިވެސް ފަށާފައިވާ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްގެންދަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކައުންސިލް އިންތިޚާބުގައި ގާދިއްފުށި ކައުންސިލްގެ މެޖޯރިޓީ އިދިކޮޅަށް ލިބުމާ ގުޅިގެން އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް އަޑު ފެތުރިނަމަވެސް އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އެގޮތުން، މިހާރުވެސް އެ ރަށުގައި މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

"ސަރުކާރުގެ ވިސްނުމަކީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދޭނީ ރައްޔިތުންދޭ ވޯޓަކަށް ނޫނޭ ކޮންމެހެނެއް. ސަރުކާރުން ކޮމިޓްމަންޓް ވެއްޖެއްޔާ އިރާދަކުރެއްވިއްޔާ އެ މަސައްކަތް ކުރިއަށްގެންގޮސްދޭނަން،" މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރަށްރަށުގައި ސަރުކާރުން ކުރިއަށްގެންދާން ނިންމާ މަޝްރޫއުތައް އެ ރަށެއްގައި އޮންނަ ކައުންސިލެއްގެ ސަބަބުން ކުރިއަށްގެންދިއުމުގައި ދަތިތަކާ ދިމާވާ ކަމަށެވެ. އެގޮތުން، މާލޭގެ ބޭރު މަގު ހެދުމުގައި މާލެ ސިޓީ ކައުންސިލުން އެއްބާރުލުން ނުލިބޭތީ ދަތިތަކާ ދިމާވި ކަމަށާއި އައު މާރުކޭޓު އެޅުމުގެ މަސައްކަތަށްވެސް އެ ކައުންސިލްގެ ޖަވާބު ނުލިބޭތީ ހުރަސްތައް ދިމާވާ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުންނަށްޓަކައި ކަންކަން ކޮށްދޭން މަސައްކަތް ކުރަމުންދާއިރު ކައުންސިލްތަކުންވެސް އެ ފަރާތްތަކުގެ ޒިންމާއަދާކޮށް އެ ފުރުސަތު ސަރުކާރަށް ފަހިކޮށްދިނުމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ އެދިވަޑައިގެންފައެވެ.