އާމްދަނީން ނަގާ ޓެކްސް ނުވަތަ އިންކަމް ޓެކުހުގެ ގޮތުގައި އަހަރުގެ ފުރަތަމަ 3 މަސްދުވަހު ދައުލަތަށް 2.3 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު އިންކަމް ޓެކުހުގެ ގޮތުގައި ދައުލަތަށް 2.3 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އިންކަމް ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު 1.8 ބިލިޔަން ރުފިޔާއާ އަޅާ ބަލާއިރު %31 އިތުރު އަދަދެކެވެ.
އިންކަމް ޓެކުހުގެ ގޮތުގައި އެންމެ ބޮޑު އަދަދަކަށް ދައުލަތަށް އާމްދަނީ ލިބިފައިވަނީ ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީންނެވެ.
އަހަރުގެ ފުރަތަމަ 3 މަސްދުވަހު ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ ގޮތުގައި ދައުލަތަށް 1.2 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1.1 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %1.5 އިތުރުވުމެކެވެ.
ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކާއި ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ ގޮތުގައި އަހަރުގެ ފުރަތަމަ 3 މަސްދުވަހު ލިބިފައިވަނީ 520 މިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 329 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %57.8 އިތުރުވުމެކެވެ.
ފަރުދުންގެ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި އަހަރުގެ ފުރަތަމަ 3 މަސްދުވަހު ލިބިފައިވަނީ 150 މިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 134 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %11.8 އިތުރުވުމެކެވެ.
ބޭންކްތަކަށް ލިބޭ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 490 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 159 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ 207% އިތުރު އަދަދެކެވެ.
އިންކަމް ޓެކުހަކީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ނަގާ ޓެކުހެކެވެ. މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށައިފައިވަނީ 1 ޖަނަވަރީ 2020 އިން ފެށިގެންނެވެ. އެހެން ނަމަވެސް، އުޖޫރައިގެ އާމްދަނީން ޓެކްސް ނަގަން ފަށައިފައިވަނީ 1 އެޕްރީލް 2020 އިން ފެށިގެންނެވެ.
ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކުން، އެ ފަރާތްތަކަށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުން ލިބޭ އާމްދަނީން ޓެކްސް ދައްކަންޖެހޭނެއެވެ. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކާއި ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭނީ އެ ފަރާތްތަކަށް ދިވެހިރާއްޖެއިން ލިބޭ އާމްދަނީންނެވެ.