އެމެރިކާގެ ޚާއްޞަ މަންދޫބުން ކަމަށްވާ ޖާރެޑް ކުޝްނަރއާއި ސްޓީވް ވިޓްކޮފް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީއާ ބައްދަުކުރައްވައި ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
މިއީ 2022ވަނަ އަހަރުގެ ފެބްރުއައީ މަހުގެ ތެރޭގައި އެ ހަނގުރާމަ ފެށި ފަހުން އެ ބޭފުޅުން ޔޫކްރެއިންއަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ. އެ ބައްދަލުވުން ބާއްވާފައި މި ވަނީ ދެ މަންދޫބުން ވެސް ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިންއާ ރަޝިޔާގެ މޮސްކޯގައި ބައްދަލުކުރެއްވިތާ ދެ ދުވަސް ފަހުންނެވެ.
އެމެރިކާގެ މަންދޫބުންނާއެކު ބޭއްވި ބައްދަލުވުމުގައި ޒެލެންސްކީ ވަނީ ހަނގުރާމަ ކުރިއަށް ދިޔަ ނަމަވެސް އެމެރިކާގެ މަންދޫބުން ޔޫކްރެއިންއަށް ދަތުރުކުރުމުގެ ޙުއްދަ ދެއްވި ކަމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ޝުކުރު ޢަދާ ކުރައްވައިފައެވެ. އެއީ ވަރަށް މުހިއްމު ބައްދަލުވުމެއްގެ ގޮތުގައި ސިފަ ކުރައްވައި، އެ ބޭފުޅުންނާ ބައްދަލުކުރުމަށް ޔޫކްރެއިންއިން ދިގު އިންތިޒާރެއް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބައްދަލުވުމަށް ފަހު ވާހަކަ ދައްކަވަމުން ވިޓްކޮފް ވިދާޅުވީ ބައްދަލުވުމުގައި ދެކެވުނު މުހިންމު ވާހަކަތަކުގެ ސަބަބުން އެމެރިކާގެ ވަފްދަށް ހިތްވަރު ލިބިފައިވާ ކަމަށެވެ. އަދި ކުޝްނަރ ވިދާޅުވީ ޓްރަމްޕް ބޭނުންވެވަޑައިގަންނަވަނީ ހަމައެކަނި ހަނގުރާމަ ނިމުމަކަށް ގެންނާނެ ގޮތެއް ދެނެގަތުމަށް ނޫން ކަމަށާއި، ޓްރަމްޕްގެ މަޤްޞަދަކީ ދާއިމީ ޞުލްޙަ ޤާއިމް ކުރުމަށް ބޭނުންވާ ޙާލަތު އުފެއްދުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަތުން ކަމަށެވެ.
އެ ބައްދަލުވުމުގައި ޔޫކްރެއިންގެ އެންމެ އިސް ސަލާމަތީ އޮފިޝަލުންނާއި މަޝްވަރާތަކުގައި އިސްކޮށް ޙަރަކާތްތެރިވާ ބޭފުޅުން ވެސްބައިވެރިވެވަޑައިގަންނަވާފައިވެއެވެ. އޭގެ އިތުރުން ވިލާތަށް ނިސްބަތްވާ ޤައުމީ ސަލާމަތާ ބެހޭ ގިނަ ޢަދަދެއްގެ މުޝީރުން ވެސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. ޒެލެންސްކީ ވިދާޅުވީ އެމެރިކާގެ ވަފްދާއެކު ބާއްވާ ބައެއް ބައްދަލުވުންތަކުގައި ވިލާތުގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މިއީ ހަނގުރާމަ ފެށުނު ފަހުން އެމެރިކާގެ މަންދޫބުން ޔޫކްރެއިންއަށް ކުރައްވާ ފުރަތަމަ ދަތުރަށް ވި ނަމަވެސް ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެ ބޭފުޅުން ރަޝިޔާއަށް އަށް ފަހަރެއްގެ މަތިން ޒިޔާރަތް ކުރައްވާފައިވެއެވެ. އެ ބޭފުޅުންނާއި ޕުޓިންއާ ދެމެދު އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ޕުޓިން ވަނީ އެމެރިކާއާއި ރަޝިޔާއާ ދެމެދު ކުރެވޭ މުއާމަލާތްތަކަކީ އަބަދު ވެސް ފައިދާ ހުރި މުއާމަލާތްތަކެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. އަދި އެމެރިކާއާއެކު މަސައްކަތް ކުރުމަކީ ރަޝިޔާއަށް ފަސޭހަ ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އެ ބައްދަލުވުމުގައި ވިޓްކޮފް ވަނީ ޓްރަމްޕްގެ ހެޔޮ އެދުންތައް ޕުޓިންއަށް ރައްދުކުރައްވައި، އެމެރިކާގެ ވަފްދުގެ ދަތުރުގެ މުއްދަތުގައި ޔޫކްރެއިންއަށް ހަމަލާ ނުދިނުމަށް ރަޝިޔާއިން ނިންމި ނިންމުމަށް ޓްރަމްޕްގެ ފަރާތުން ޕުޓިންއަށް ޝުކުރު ޢަދާ ކުރައްވައިފައެވެ.
އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެމެރިކާ އިސްނަގައިގެން އަބޫދާބީއާއި ޖެނީވާގައި ސުލްޙައިގެ މަޝްވަރާތަކުގެ ތިން ބުރެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެހެންނަމަވެސް، ފެބްރުއަރީ މަހުގެ ފަހުކޮޅު އީރާނުގެ މަސްރަޙު ގޯސްވެ ހަނގުރާމަ ފެށުމާއެކު، އެމެރިކާގެ އަހަންމިއްޔަތު އެވަގުތަށް ބަދަލަވެ އެ މަޝްވަރާތައް ވަނީ މެދުކެނޑިފައެވެ. ނަމަވެސް، މި ފަހަރުގެ ދަތުރުފުޅާއެކު ހަނގުރާމަ ހުއްޓާލުމުގެ ދާއިމީ އެއްބަސްވުމަކަށް ވާސިލުވުމުގެ ފުރުޞަތު ބޮޑު ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.