ޚަބަރު

"އައްޑޫގައި ގާއިމްކުރާ ޑޮޕްލަރ ރާޑަރު ސިސްޓަމްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ"


  • މިއީ ރާއްޖޭގެ ބޮޑު ސަރަހައްދެއް ކަވަރކުރާ ސިސްޓަމެއް

  • އައްޑޫ މެޓް އޮފީހުގެ ގޮފީގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ

  • އިތުރު 4 ސަރަޙައްދެއްގައިވެސް ރާޑަރު ސިސްޓަމް ބަހައްޓާ

ރާއްޖޭގެ 4 ސަރަޙައްދުގައި ޑޮޕްލަރ ރާޑަރު ސިސްޓަމް ބެހެއްޓުމަށްކުރާ މަސައްކަތުގެ ތެރެއިން އައްޑޫގެ ރާޑަރު ސިސްޓަމްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ އައްޑޫ ސިޓީގައި މޫސުމީ އިދާރާގެ ގޮފީގެ މުޅިން އައު އިމާރާތެއް އެޅުމާ ގުޅޭ މަސައްކަތްތައްވެސް ފަށާފަވާކަމަށެވެ. އައްޑު އަތޮޅު ގަމުގައި، ހުޅުލޭގައި ހުރި ފަދަ އެސް-ބޭންޑް ބޮޑު ރާޑަރެއް ބެހެއްޓުމަށް ނިންމާފަވާކަމަށެވެ.

"އައްޑޫގައި މެޓް އޮފީސް އެޅުމަށް، އެ ޕްރޮޖެކްޓް ވަނީ ޑިޒައިންކޮށްފައި. އިނީޝިއަލް ފަންޑިން ވަނީ ހަމަޖެހިފައި. ޑޯޕްލަރ ވެދަރ ރާޑަރ ސިސްޓަމެއް ބަހައްޓާނެ. އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ." ވަޒީރު ވިދާޅުވިއެވެ. މި 4 ސަރަޙައްދުގައި ހަރުކުރާނީ "އެސް-ބޭންޑް ވެދަރ ރާޑަރު" ކުދި ސިސްޓަމްތަކެވެ.

ރާޑަރު ހަރުކުރުމަށް ހަމަޖެހިފަވާ ސަރަޙައްދުތައް:

ހދ.ކުޅުދުއްފޫށި
ވިލިމާލެ
ކައްދޫ
ފުވައްމުލައް ސިޓީ

ވަޒީރު ޠާރިޤް ވިދާޅުވީ މިސަރަޙައްދުތައް ކަނޑައަޅާފައިވަނީ މުޅި ރާއްޖޭގެ ސަރަޙައްދާއި، ބެލެހެއްޓުމަށް އެކަށީގެންވާ ސަރަޙައްދުތަކަށް ރިޢާޔަތްކޮށްކަމަށެވެ. މި މަސައްކަތުގެ އެންމެ ބޮޑު މަޤުޞަދަކީ މޫސުން ވެލުމާއި ލަފާކުރުމެގެ ޤާބިލުކަން އިތުރުކޮށް، އެކިއެކި އަރައްކާތަކަށް ދުރާލާ އިންޒާރުދޭ ޤައުމީ ނިޒާމު ހަރުދަނާކުރުންކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރާއްޖޭގެ ވިލުންތެރިކަން އިތުރުކޮށް، މިކަމަށް ބޭނުންވާ މަޢުލޫމާތު އެންމެހާ ފަރާތްތަކަށް ފޯރުކޮށްދިނުމަށްކަމަށެވެ.

ކުރިއަށް ރޭވިފައިވާ ކަންކަމުގެތެރޭގައި ރާއްޖޭގެ މޫސުމާ ބެހޭ އިދާރާގެ އޮފީސް ރީބްރޭންޑްކުރުމާއި ވެބްސައިޓް އަދި މޯބައިލް އެޕް އަގްރޭޑްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޮޓޮމެޓިކް ވެދަރ ސިސްޓަމްތައް މަރާމާތުކޮށް އޮބްޒަވޭޝަން ނެޓްވޯކް ފުޅާކޮށް، ކަނޑުމަތިން 10 ސަރަޙައްދަކުން މޫސުމާ ބެހޭ މަޢުލޫމާޓު އެއްކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ކާރިސީ ހިރާސްތައް ކުޑަކުރުން "އަރލީ ވަރނިން ފޯ އޯލް"ގެ ލަނޑުދަނޑި ޙާސިލުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފަވާކަމަށް ވަޒީރު ވިދާޅުވިއެވެ.