ދީނާއި އަޅުކަން

ސަޢޫދީ ސަރުކާރުގެ އެހީގައި ޢިމާރާތްކުރި ދެ މިސްކިތެއް ހުޅުވައިފި


ރާއްޖޭގައި ސަޢޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރެއްވި ދެ މިސްކިތެއް މިއަދު ހުޅުއްވައިފިއެވެ.

އެގޮތުން މިއަދުގެ ހުކުރު ނަމާދުގެ ކުރިން ރ. އިންނަމާދޫ މިސްކިތް ހުޅުއްވާފައިވާއިރު، ރ. އަނގޮޅިތީމުގައި ޢިމާރާތްކުރި މިސްކިތް ވަނީ އަސްރު ނަމާދުގެ ކުރިން ހުޅުއްވާފައެވެ. ސަޢޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މިސްކިތް ބިނާކުރެއްވުމުގެ މަޝްރޫޢުތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގެންދަވަނީ ހިންގަވަމުންނެވެ. img:http://s3.psmnews.mv/images/660x400/14752269019539.jpg|ސަޢޫދީ ސަރުކާރުން ޢިމާރާތްކޮށްދެއްވި އިންނަމާދޫ މިސްކިތް ހުޅުވުން - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ސަޢޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރ. އިންނަމާދޫގައި ބިނާކުރެއްވި މަސްޖިދުލް ތަޢާވުން ރަސްމީގޮތުން ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒިޔާދުއެވެ. މި މިސްކިތަކީ އެއްފަހަރާ 300 މީހުންނަށް ނަމާދުކުރެވޭ ވަރުގެ މިސްކިތެކެވެ. އިންނަމާދުއަކީ ގާތްގަނޑަކަށް 500 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. ރަށުގައި ދިރުއެޅެނީ މި އާބާދީގެ ތެރެއިންވެސް މަދު ޢަދަދެއްގެ ބަޔަކުނަމަވެސް އެރަށަކީ ވަޑާމުގެ މަސައްކަތްކުރާ ރަށަކަށް ވެފައި، އެކަމަށް ގިނަ ޢަދަދެއްގެ ބިދޭސީން އެރަށުގައި އުޅޭތީ މިއަދުގެ ހުކުރު ނަމާދުގެ ޖަމާޢަތަށްވެސް މިސްކިތް އޮތީ ފުރިފައެވެ.

ގާތްގަނޑަކަށް 6 މިލިޔަން ރުފިޔާ ހޭދަކުރައްވައިގެން ޢިމާރާތް ކުރައްވާފައިވާ މި މިސްކިތުގައި އިމާމުވެ ހުކުރު ކުރެއްވީ އިސްލާމިކް މިނިސްޓަރގެ ނާއިބު އައްޝައިޚް އިބްރާހީމް އަޙްމަދެވެ. ރ. އަގޮޅިތީމުގައި ބިނާކުރެއްވި މަސްޖިދުއް ނޫރު ވެސް ވަނީ ހުޅުއްވާފައެވެ. މަސްޖިދުއް ނޫރުވެސް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒިޔާދުއެވެ. މި މިސްކިތަކީ އެއްފަހަރާ 300 މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތް ބިނާކުރައްވާފައިވަނީ ގާތްގަނޑަކަށް 6 މިލިއަން ރުފިޔާ ހޭދަކުރައްވައިގެންނެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިސްކިތް ބިނާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާގެ އެހީގައި ސަރުކާރުން ހިންގަވާ 17 މަޝްރޫޢެއް ހިމެނެއެވެ. މީގެތެރެއިން ސަޢޫދީ ސަރުކާރުގެ ހިލޭ އެހީގައި ހިންގަވާ 7 މަޝްރޫޢަކާއި، ސަޢޫދީ ރަސްގެފާނުގެ އެހީގައި ހިންގަވާ 10 މަޝްރޫޢު ހިމެނެއެވެ. މީގެތެރެއިން މި ހުޅުއްވި 2 މިސްކިތާއެކު އިތުރު މިސްކިތެއް ވަނީ ރަސްމީކޮށް ހުޅުއްވާފައެވެ. އަދި އިތުރު 2 މިސްކިތެއްގެ ޢަމަލީ މަސައްކަތް ނިންމައި، ދަނީ ބޭނުންކުރަމުންނެވެ. ސަޢޫދީ ރަސްގެފާނުގެ އެހީގައި ހިންގަވާ 10 މަޝްރޫޢުގެ ދަށުން ބިނާކުރެވޭ މިސްކިތްތަކުގެ ޢަމަލީ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި މަޝްރޫޢުގެ ދަށުން ޢިމާރާތްކުރެވޭ މިސްކިތްތަކުގެ ޢަމަލީ މަސައްކަތްތައް ނިންމަވައި މިއަހަރު ނިމުމުގެ ކުރިން ހުޅުއްވުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.