މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ %39 އިތުރުވެއްޖެއެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ. މި ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.
މޯލްޑިވްސް އިންލަންޑް ލެވެނިއު އޮތޯރިޓީ، މީރާއިން އާންމުކޮށްފައިވާ ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 735 މިލިޔަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %39 އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 528 މިލިޔަން ރުފިޔާއެވެ.
1 ޖަނަވަރީ 2025 އިން ފެށިގެން ގްރީން ޓެކްސް ނަގަމުންދާ ރޭޓުތަކަށް ސަރުކާރުން ވަނީ ބަދަލު ގެންނަވާފައެވެ. ގްރީން ޓެކްސް ނަގަމުންދާ ފަރާތްތަކުގެ ޓެކްސް ރޭޓު 6 ޑޮލަރުން 12 އެމެރިކާ ޑޮލަރަށް ވަނީ މަތިކޮށްފައެވެ. އަދި 3 ޑޮލަރުން ގްރީން ޓެކްސް ނަގަމުންދާ ފަރާތްތަކުގެ ޓެކްސް ރޭޓު 6 އެމެރިކާ ޑޮލަރަށް ވަނީ އިތުރުކޮށްފައެވެ. އުމުރުން 2 އަހަރު ނުވާ ކުޑަކުދިންގެ އަތުން ގްރީން ޓެކްސް ނެގުން ވަނީ އިސްތިސްނާކޮށްފައެވެ.
ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީން ސަރުކާރުން ދަނީ ރަށްރަށުގައި ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މަޝްރޫޢުތަކަށް ޚަރަދު ކުރަމުންނެވެ. އެގޮތުން ފެނާއި ނަރުދަމާ، ގޮނޑުދޮށް ހިމާޔަތްކުރުން، ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް، ފެނުގެ ނިޒާމް ޤާއިމްކުރުން ފަދަ މަޝްރޫޢުތައް ހިމެނެއެވެ.
ގްރީން ޓެކުހަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަތުން ނަގަމުންދާ ޓެކުހެކެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 7ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.