ޚަބަރު

މާޒިޔާއާ ދެކޮޅަށް ދެއްކީ އުއްމީދު ނުކުރާވަރުގެ މޮޅު ކުޅުމެއް: ނިޒާމް


  • މާޒިޔާއިން ދެ ލަނޑު ޖަގާފައި ވަނިކޮށް ބުރުން ވަނީ މެޗު އެއްވަރުކޮށްފައި

  • ޕެނަލްޓީގައި ބުރު މޮޅުވީ 5-6 އިން

އެފްއޭ ކަޕުގެ ކުއާޓަރ ފައިނަލުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅުނު ބުރު ސްޕޯޓްސް ކުލަބުގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ، އުއްމީދުވެސް ނުކުރާހާ މޮޅު ކުޅުމެއް ކަމަށް ބުރުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

އެންމެފަހުގެ އެފްއޭ ކަޕާއި މި ސީޒަނުގެ ދިވެހި ލީގުގެ ވެސް ޗެމްޕިއަންކަން ހޯދާފައިވާ މާޒިޔާއާ ދެކޮޅަށް މިދިޔަ ހޮނިހިރު ދުވަހުގެރޭ ނުކުމެ ބުރުން ވަނީ ޙާއްސަ މޮޅެއް ހޯދާފައެވެ. މިއީ މި ސީޒަނުގައި ބުރަށް، މާޒިޔާ އަތުން ހޯދުނު ފުރަތަމަ މޮޅެވެ.

އެ މެޗުން ބުރު މޮޅުވީ، މާޒިޔާއިން ދެ ލަނޑު ޖަހާފައި ވަނިކޮށް، ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށް، ޕެނަލްޓީގައި 5-6 އިން ކުރިހޯދައިގެންނެނެވެ.

"ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ނިޒާމް ބުނީ، މިފަހުން ނިމުނު ބައިނަލްއަގްވާމީ ބްރޭކާއެކު ދުވަސްތަކެއް ވަންދެން ފަރިތަކުރުންތަކަށް ކުޅުންތެރިން ހާޒިރުކުރުމުގައި ގޮންޖެހުންތަކަކާ ކުރިމަތިވި ކަމަށެވެ. މިފަދަ ހާލަތެއްގައި އޮވެ، ޓީމުން ހޯދި ކާމިޔާބީގައި ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ހިތްވަރަކީ އުއްމީދުވެސް ނުކުރާ ވަރުގެ ހިތްވަރެއްކަމަށް އޭނާ ބުންޏެވެ.

"އަސްލު ތެދުތެދަށް ބުނާނަމަ މިއަދު ހަމަ ކުޅުންތެރިން ދަނޑުމަތީގައި ކުރި މަސައްކަތް، އުއްމީދެއްވެސް ނުކުރަން ހަގީގަތުގައި މިވަރު ކުރެވިދާނެކަމަކަށް. އެއީ މިއައި ދިގު ބްރޭކާ އެއްކޮށް ތަންކޮޅެއް، ކުޅުންތެރިން ޕްރެކްޓިސްއަށް އައުމާ ކަންކަން ހަމަ ތަންކޮޅެއް ދަށްކޮށް ދިޔައީ. ދެން އޭގަ ނެތް އެއްވެސް އެއްޗެއް ބުނެވޭކަށް. އެއީ ގައުމަށް މި އައި އީދާއި އެކަހަލަ އެހެން ކަންކަމާ ހެދި ވަރަށް ދަށްކޮށް ދިޔައީ. ޓީމު އެއްކޮށް އެއްކޮށްލައިގެން ޕްރެކްޓިސް މި ބޭއްވުނީ ގާތްގަނޑަކަށް ހަފްތާއެއް ވަރު. ހަފްތާއެއްގެ ތެރޭ އެ ކުރެވުނު މަސައްކަތަށް ބަލާއިރު ކުޅުންތެރިން އެ ދެއްކި ހިތްވަރު ހަމަ ބޮޑު އެއްޗަކީ". މެޗުގައި ކުޅުންތެރިން ދެއްކި ހިތްވަރާއި، މޮޅު ކުޅުމާ ގުޅޭގޮތުން ވާހަކަދައްކަމުން ނިޒާމް ބުންޏެވެ.

އެފްއޭ ކަޕުގެ ކުއާޓަރ ފައިނަލުގައި މާޒިޔާއިން ދެ ލަނޑުޖަހައި ލީޑުގައި އޮއްވައި، ބުރުގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ އާދަޔާ ޚިލާފު ރޫހާއި މޮޅު ކުޅުމާއެކު މެޗު އެއްވަރުކޮށް، ޕެނަލްޓީގައި ކުރިހޯދައި ސެމީގެ ޖާގައެއް ހޯދިއިރު، ސެމީގައި ބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.

ޓީސީން ސެމީގެ ޖާގައެއް ހޯދީ ކުއާޓަރ ފައިނަލުގައި ވިކްޓްރީ ސްޕޯޓްސް ކުލަބުގެ މައްޗަށް ފަހަތުން އަރައި 1-3 އިން ކުރިހޯދައިގެންނެވެ. ޓީސީއާއި ބުރުގެ ކުރިމަތިލުން ފެނިގެންދާ ސެމީ ފައިނަލް މެޗު އޮންނާނީ ބުދަ ދުވަހުގެ ރެއެވެ.