ޚަބަރު

ބޯޓެއް ފަރަށް އަރައި، ދިވެއްސަކު ގެއްލިގެން ހޯދަނީ


  • އަޑިއަށްގޮސްފައިވަނީ "އުދަރެސް" ނަމަކަށްކިޔާ ބޯޓެއް

  • މި ބޯޓު އަޑިއަށްދިޔައީ ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރެއް ކައިރިއަށް

  • ބޯޓުން 13 މީހަކު ދަތުރުކުރި

މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު، ފަރަކަށް އެރި ހާދިސާގައި ދިވެއްސަކު ގެއްލިގެން ހޯދަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، އުދަރެސް ބޯޓު ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށްދާ ކަމުގެ މައުލޫމާތު، ރޭ ދަންވަރު 01:25 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި ޖުމުލަ 13 މީހުންނެވެ. އޭގެ ތެރެއިން ބިދޭސީއަކު ވަނީ ފަތާފައި ލ. އޮޅުވެއްޔަށް އަރާފައެވެ. އަދި ބޯޓުން ދަތުރުކުރި އިތުރު 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ނަގާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީންކަމަށް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާގައި ސަލާމަތްކުރެވުނު ޖުމުލަ 12 މީހުންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ބޯޓުން ދަތުރުކުރި ދިވެއްސަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

މި ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ބޯޓުގައި ހުރި މުދާތައް ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.