ތަރައްްޤީ

ވިލިމާލެ ވަގުތީ ފެރީ ޓާރމިނަލްގެ މަސައްކަތް 3 މަސް ތެރޭ ނިމޭނެ


މަލޭގައި ހުންނަ ވިލިމާލެ ފެރީޓާރމިނަލް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމަށްޓަކައި، މިހާރު ހުރި ޓާމިނަލްގެ ބަދަލުގައި ހަދާ ވަގުތީ ޓާރމިނަލްގެ މަސައްކަތް ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. ތިން މަސްދުވަހުގެ ތެރޭގައި ވަގުތީ ޓާރމިނަލް ނިމި ޚިދުމަތްތައް ބަދަލުކުރެވޭވަރު ވާނެކަމަށް އެމްޓީސީސީގެ އެގްޒެކެޓިވް ބިއުރޯގެ ހެޑް ޝިފާޢު ޢަލީ ވިދާޅުވިއެވެ. img:http://s3.psmnews.mv/images/660x400/14633924538141.jpg|މާލޭގައި އަލަށް އަޅަން ހަމަޖެހިފައިވާ ވިލިމާލޭ ފެރީ ޓަރމިނަލްގެ ޑިޒައިން - ފޮޓޯ: އެމްޓީސީސީ

މާލޭގައި ހުންނަ ވިލިމާލެ ފެރީޓާރމިނަލް ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ހިންގަން ރާވާފައިވާ މަޝްރޫޢަށް ފައިސާ ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ. އެމްޓީސީސީގެ އެގްޒެކެޓިވް ބިއުރޯގެ ހެޑް ޝިފާޢު ޢަލީ ވިދާޅުވީ، 12 ފަންގިފިލާގެ ދެ ޢިމާރާތް ހިމެނޭ މި މަޝްރޫޢަށް ގާތްގަނޑަކަށް 20 މިލައަން ޑޮލަރު ޚަރަދުވާއިރު، މަޝްރޫޢަށް ދެ ބޭންކަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި ފައިސާ ހަމަޖެހުނުހާ އަވަހަކަށް މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ފެށޭނެ ކަމަށްވެސް ޝިފާޢު ވިދާޅުވިއެވެ. img:http://s4.psmnews.mv/images/660x400/14633923380461.jpg|މާލޭގައި އަލަށް އަޅަން ހަމަޖެހިފައިވާ ވިލިމާލޭ ފެރީ ޓަރމިނަލްގެ ޑިޒައިން - ފޮޓޯ: އެމްޓީސީސީ

މީގެ އިތުރުން އައު ޓާރމިނަލް އެޅުމަށް ކަނޑައަޅާފައިފައިވާ ބިމުގެ ލީސް މުއްދަތު 30 އަހަރަށް އިތުރުކުރުމަށް ސަރުކާރާއެކު މަޝްވަރާ ކުރަމުންގެންދާ ކަމަށްވެސް ޝިފާޢު ވިދާޅުވިއެވެ. އައު ޓާރމިނަލްގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވުމުގެގޮތުން ވަގުތީ ޓާރމިނަލެއް އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ޝިފާޢު ވިދާޅުވީ ވަގުތީ ޓާރމިނަލްގެ މަސައްކަތް 3 މަސްދުވަހުގެ ތެރޭގައި ނިމި ޓާރމިނަލްގެ ހުރިހާ ޚިދުމަތެއް ވަގުތީ ޓާރމިނަލަށް ބަދަލުކުރެވޭނެ ކަމަށެވެ. ވަގުތީ ޓާރމިނަލް އަޅާނީ މިހާރު ހުރި ޓާރމިނަލްގެ އިރުން އޮތް ހުސްބިމުގައެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ބިނާކުރުމަށް ނިންމާފައިވާއިރު، ޢިމާރާތް ފަރުމާކޮށްފައިވަނީ، ތަފާތު ޚިދުމަތްތައް ލިބެން ހުންނާނެ ގޮތަށެވެ. 12 ފަންގިފިލާގެ ދެ ޢިމާރާތް ނިމޭއިރު އެތަނުގައި، ކެފޭތަކާއި، ފިހާރަތަކާއި، ޒުވާނުން މުނިފޫހިފިލުވުމަށް ޚާއްޞަ ޖަގަހަތަކުގެ އިތުރުން ސިނަމާއެއްވެސް ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. ދެވަނަ ފިޔަވާހީގައި ހަދާ އިމާރާތުގެ 4 ފަންގިފިލައެއް ޕާކިންގއަށް ޚާއްޞަކުރެވިފައިވެއެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށޭތާ 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.