ޚަބަރު

އިންތިޚާބުގެ އިންތިޒާމުތަކަށް ބޭރުގެ އޮބްޒާވަރުންގެ ތައުރީފް


  • ބައިނަލްއަގުވާމީ 38 އޮބްޒާވަރުން ހަރަކާތްތެރިވި

  • އިންތިޚާބުގެ ހުރިހާ ކަމެއްވެސް ކުރިއަށްދިޔައީ އަމާންކަމާއެކުގައި ކަމަށް ވިދާޅުވި

ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ހުރިހާކަމެއްވެސް ކުރިއަށްދިޔައީ އަމާންކަމާއެކުގައި ކަމަށް ވިދާޅުވެ އިންތިޚާބުގެ ކަންކަން ބެލުމަށް ރާއްޖެ އައި ބައިނަލްއަގުވާމީ އޮބްޒާވަރުން ތައުރީފު ކުރައްވައިފިއެވެ.

ބައިނަލްއަގުވާމީ އޮބްޒާވަރުން އިންތިޚާބުގައި ފާހަގަކުރެވުނު ކަންކަން އިލެކްޝަންސް ކޮމިޝަނާ ހިއްސާކުރެއްވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އޮބްޒާވަރުންގެ ޓީމުން ވިދާޅުވީ އެ ޓީމުގެ އެކި މެންބަރުން ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނާ ހަމައަށް އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި އިންތިޚާބުގެ ކަންކަން ވޯޓުލާން ފެށި ވަގުތުން ފެށިގެން ވޯޓު ގުނުމާ ހަމައަށް ބަލާފައިވާއިރު ޖުމްލަކޮށް ވޯޓުގެ ހުރިހާ ކަމެއްވެސް ކުރިއަށްދިޔައީ ވަރަށް އަމާންކަމާއެކުގައި ކަމަށެވެ.

ރާއްޖޭގެ އިންތިޚާބާބެހޭ ޤާނޫނުތަކަށް ރިއާޔަތްކޮށް އޮބްޒާވަރުންގެ ފަރާތުން ވާހަކަދައްކަވަމުން އަޒަރުބައިޖާންގެ ސެންޓްރަލް ކޮމިޝަން ފޯ އިލެކްޝަންސްގެ ޑެޕިއުޓީ ޗެއަރމަން ރޮޒްވަޓް ގަސިމޯވް ވިދާޅުވީ އެއްވެސް ޤާނޫނަކާ ޚިލާފު ކަމެއް މި އިންތިޚާބުގައި ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާއަށް އަސަރުކޮށްފާނެ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ ހުރިހާ އިންތިޒާމުތަކެއްވެސް ވަރަށް ފުރިހަމަކަން. ވޯޓުލާ މަރުކަޒުތަކުގައި ތިބި އޮފިޝަލުންގެ އިންތިޚާބާބެހޭ މައުލޫމާތު މުއްސަނދިވެފައި ވަރަށް ޕްރޮފެޝަނަލް. މި އިންތިޚާބުގައި ޤާނޫނާ ޚިލާފު އިންތިޚާބުގެ ނަތީޖާ ބަދަލުކޮށްލާނެ އެއްވެސް ކަމެއް އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި ނުވޭ،" އަޒަރުބައިޖާންގެ ސެންޓްރަލް ކޮމިޝަން ފޯ އިލެކްޝަންސްގެ ޑެޕިއުޓީ ޗެއަރމަން ރޮޒްވަޓް ގަސިމޯވް ވިދާޅުވިއެވެ.

ގަސިމޯވް ވިދާޅުވީ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ވަރަށް ފުރިހަމަކޮށް ކަމަށާއި މި އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއް ކަމަށެވެ. އެހެންވެ، އެކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނަށް އޭނާ މަރުޙަބާ ވިދާޅުވިއެވެ.

2024ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުވެސް އޮބްޒާވް ކުރެއްވިކަން ފާހަގަކުރައްވައި ގަސިމޯވް ވިދާޅުވީ އެއް އިންތިޚާބުން އަނެއް އިންތިޚާބަށް ރާއްޖޭގެ ވޯޓުލުމުގެ ކަންކަން އިތުރަށްފުރިހަމަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މި އިންތިޚާބުގެ ކަންކަން ބެލުމަށް އިލެކްޝަންސް ކޮމިޝަނުގެ ދައުވަތަކަށް 7 ޤައުމަކުން 14 އޮބްޒާވަރުން ވަނީ ރާއްޖެ އައިސްފައެވެ. އަދި ރާއްޖޭގައި ޤާއިމުވެފައިވާ އެކި ޤައުމުތަކުގެ އެމްބަސީތަކުގެ އޮބްޒާވަރުން ހިމެނޭހެން ޖުމްލަ 38 ބައިނަލްއަގުވާމީ އޮބްޒާވަރުން ވަނީ މި އިންތިޚާބުގައި ހަރަކާތްތެރިވެފައެވެ.