ޚަބަރު

ކުވައިތުގެ ހަކަތައާއި ފެނުގެ ނިޒާމަށް އީރާނުން ޑްރޯން ޙަމަލާތަކެއް


ކުވަޔިތުގެ އަސާސީ ޚިދުމަތްތަކާއި ވަޞީލަތްތަކަށް އަމާޒުކޮށް އީރާނުން ޑްރޯން ޙަމަލާތަކެއް ދީ، އެ ޤައުމުގެ ހަކަތައާއި ފެނުގެ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. މިއީ، ފެބުރުވަރީ 28 ގައި ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމައަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ދީފައިވާ ޙަމަލާތަކެކެވެ. ގަލްފް ޢަރަބި ޤައުމުތަކަށް ދެމުންދާ ޙަމަލާތައް އަމާޒު ކުރަމުން ދަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މަޞްލަޙަތުތަކަށް ކަމުގައި އީރާނުން ބުނެއެވެ.

ކުވަޔިތުގެ ދައުލަތުގެ މީޑިއާއިން ބުނީ، އީރާނުގެ ޑްރޯން ޙަމަލާއެއް ފުރަތަމަ އަމާޒުވީ ކުވަޔިތު ޕެޓްރޯލިއަމް ކޯޕަރޭޝަންގެ (ކޭޕީސީ) މައި މަރުކަޒާއި ތެލާ ބެހޭ ވުޒާރާ ހިމެނޭ ޝުވައިޚް އޮއިލް ސެކްޓަރ ކޮމްޕްލެކްސްއަށް ކަމުގައެވެ. މި ޙަމަލާގެ ސަބަބުން އެ އިމާރާތުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގައި ކޭޕީސީން ހާމަކުރިއެވެ.

މީގެ އިތުރުން، އީރާނުން ވަނީ ކުވަޔިތު ސަރުކާރުގެ ވުޒާރާތައް ހިންގާ އިދާރީ މަރުކަޒަކަށް ވެސް ޑްރޯން ޙަމަލާތަކެއް ދީފައެވެ. ކުވަޔިތުގެ މާލީ ވުޒާރާއާ ޙަވާލާދީ ދައުލަތުގެ މީޑިއާއިން ބުނީ، މި ޙަމަލާގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައެވެ.

ޙަމަލާތަކުގެ ނުރައްކާ އެންމެ ބޮޑަށް ކޮށްފައި ވަނީ ކުވަޔިތުގެ އަސާސީ ޚިދުމަތްތަކަށެވެ. އެ ޤައުމުގެ ކަރަންޓާއި ފެނާ ބެހޭ ވުޒާރާއިން ބުނީ، ފެން އުފައްދާ ދެ ޕްލާންޓަކާއި ކަރަންޓު އުފައްދާ ދެ ޔުނިޓަކަށް ދިން ޙަމަލާތަކުގެ ސަބަބުން އެ ވަޞީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ބައެއް ސަރަޙައްދުތަކުން ޚިދުމަތް މެދުކެނޑުނު ކަމުގައެވެ.

މި ޙަމަލާތަކަކީ، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގަލްފް ޢަރަބި ޤައުމުތަކަށް އީރާނުން އަމާޒުކުރަމުންދާ ޙަމަލާތަކުގެ ތެރެއިން ދީފައިވާ އެންމެ ފަހުގެ ޙަމަލާތަކެވެ. ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ހަނގުރާމަ ހަވަނަ ހަފުތާއަކަށް ދެމިގެން ގޮސްފައިވާއިރު، އީރާނުން ދަނީ ޞަހްޔޫނީ ދައުލަތުގެ އިތުރުން ސަރަޙައްދީ އެހެން ޤައުމުތަކުގައި އޮތް އެމެރިކާގެ މަޞްލަޙަތުތަކަށް ކަމަށް ބުނެ ވެސް ޙަމަލާތައް އަމާޒުކުރަމުންނެވެ.