ތަޢުލީމު

ޤައުމީ ޔުނިވަރސިޓީގެ 24 ދަރިވަރަކަށް ސްކޯލަރޝިޕް


ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޮލަރޝިޕް ސްކީމްގެ ދަށުން، މި އަހަރުގެ ދެވަނަ ޓާމަށް ހޮވުނު 24 ދަރިވަރުންނާ ސްކޯލަރޝިޕްގެ ލިޔުން ޙަވާލުކުރައްވައިފިއެވެ.

މި އަހަރުގެ ދެވަނަ ޓާރމުގައި އަލަށް ކޯސްތަކަށް ވަންނަ ދަރިވަރުންނަށް ހުޅުއްވާލެއްވި އެ ފުރުޞަތަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ހޮވުނު ދަރިވަރުންނާ ސްކޮލަރޝިޕްގެ ލިޔުން ޙަވާލުކޮށްދެއްވީ އެ ޔުނިވަރސީޓިގެ އޮޑިޓޯރިއަމްގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސް އޮފީހުގެ މިނިސްޓަރ ފޮރ ލީގަލް އެފެއަރޒް ޢާޒިމާ ޝަކޫރާއި އެ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ލަޠީފެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ފޮރ ލީގަލް އެފެއަރޒް ޢާޒިމާ ޝަކޫރު ވިދާޅުވީ ޝެކަންޑަރީ ތަޢުލީމު ނިންމުމަށްފަހު މަސައްކަތުގެ ދާއިރާއަށް ނުކުންނައިރު ހޯދާފައިވާ ތަޢުލީމީ ސެޓްޓްފިކެޓްތަކަށް އެކަނި ބެލުން ހުއްޓާލަންޖެހޭ ކަމަށެވެ. އަދި މަސައްކަތުގެ އަޚްލާޤަށް ބެލުމަކީ މުހިންމު އެއް ކަންތައްތައްކަން ޢާޒިމާ ފާހަގަކުރެއްވިއެވެ.

ޤައުމީ ޔުނިވަރސިޓީން މި އަހަރުގެ ދެވަނަ ޓާރމަށް ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުއްވާލެއްވީ މައިގަނޑު 3 ދާއިރާއަކުންނެވެ. އެ ދާއިރާތަކަކީ ޓިއުޝަން ފީ ހިލޭ ސްކޮލަރޝިޕާއި އަންޑަރ ގްރޭޖްއޭޓް ސްކޮލަރޝިޕް އަދި ޕޯސްޓް ގްރޭޖްއޭޓް ސްކޮލަރޝިޕެވެ. ޓިއުޝަންފީ ހިލޭ ދާއިރާއަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ހޮވިފައިވަނީ 20 ދަރިވަރުންނެވެ. އަންޑަރ ގްރޭޖްއޭޓް ދާއިރާއަށާއި ޕޯސްޓްގްރެޖްއޭޓް ދާއިރާއަށް ހޮވާފައިވަނީ 2 ދަރިވަރުންނެވެ.