ތިމާވެށި

ދެކުނުގެ ކުނި މެނޭޖްކުރާ މަރުކަޒަށް ބެނުންވާ ބާޖުތައް ހޯދަނީ


ދެކުނުގެ 4 އަތޮޅުގައި ކުނި މެނޭޖްކުރުމަށް ޤާއިމްކުރައްވާ ސަރަޙައްދީ ކުނި ނައްތާލާ މަރުކަޒަށް ބޭނުންވާ، ބާޖުތައް ބަނުމަށް އިންޑިޔާގެ ކުންފުންޏަކާ ޙަވާލުކުރައްވައިފިއެވެ. މީގެ އިތުރުން، މި ސަރަޙައްދުގައި ހިމެނޭ ފުވައްމުލަކު ސިޓީގެ ކުނިކޮށި އަޕްގްރޭޑްކޮށް، ކުނި މެނޭޖްކުރާ މަރުކަޒަކަށް ބަދަލު ކުރުމުގެ މަސައްކަތް، އެމް.އާރު.ޑީ.ސީއާ މިއަދު ވަނީ ޙަވާލުކުރައްވާފައެވެ.

ދެކުނުގެ ހަތަރު އަތޮޅު ކަމުގައިވާ ގއ، ގދ، ޏ އަދި ސ އަތޮޅުގެ ސަރަޙައްދީ ކުނި ނައްތާލާ ނިޒާމަކީ، 25 މިލިއަން ރުފިޔާގެ ބިޔަ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން، ސަރަޙައްދީ ކުނި ނައްތާލާ މަރުކަޒު ޤާއިމް ކުރެއްވުމަށް ނިންމަވާފައިވަނީ އައްޑޫސިޓީ ހިތަދޫގައެވެ.

މި 4 އަތޮޅުގެ 19 ރަށެއްގެ ކުނިކޮށިތައް އަޕްގްރޭޑްކޮށް، 13 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމް ކުރުމަށް ވަނީ ނިންމަވާފައެވެ. އަދި ކުނި އުފުލުމަށް ދެ ބާޖު ބޭނުން ކުރުމަށް ނިންމަވާފައިވާއިރު، 5 ރަށެއްގައި ކުނި ނައްތާލާ މެޝިން ނުވަތަ އިންސިނެރޭޓަރ ބެހެއްޓުންވެސް ހިމެނެއެވެ.

މަޝްރޫޢު ފެށުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން، މިއަދު ސޮއި ކުރެއްވީ، ކުނި އުފުލާ 2 ބާޖު ފަރުމާކޮށް، ބަނުމުގެ މަސައްކަތް ކުރުމަށެވެ. މި މަސައްކަތް ޙަވާލުކުރެއްވީ، އިންޑިޔާގެ ވިޖައި މެރިން ކުންފުންޏާއެވެ.

އެންވަޔަރަމަންޓް މިނިސްޓަރ ތާރީޤް އިބްރާހީމް ވިދާޅުވީ، ބާޖުތައް ބަނުމަށް ސަރުކާރުގެ ބަޖެޓުން 21 މިލިއަން ރުފިޔާ ކަނޑައަޅުއްވާފައިވާ ކަމަށާއި، ކުރިއަށް އޮތް 7 މަހުގެ ތެރޭގައި ބާޖުތަކުގެ މަސައްކަތް ނިންމުމަށް އެއްބަސްވެވިފައިވާ ކަމަށެވެ.

ފުވައްމުލައް ސިޓީގެ ކުނިކޮށި އަޕްގްރޭޑްކޮށް، ކުނި މެނޭޖްކުރާ މަރުކަޒަކަށް ބަދަލު ކުރުމުގެ މަސައްކަތް، އެމް.އާރު.ޑީ.ސީއާ ޙަވާލުކުރައްވާފައިވަނީ 2.5 މިލިއަން ރުފިޔާއަށް 60 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާގޮތަށެވެ.

އެންމެ ދެކުނުގެ 4 އަތޮޅުގެ ކުނި ނައްތާލުމުގެ މަޝްރޫޢު ފެށިގެން ކުރިއަށްދާއިރު، ކުނި ނައްތާލުމުގައި ސަރުކާރުގެ ސިޔާސަތަކީ، ރާއްޖޭގައި ހުރިހާ ރަށެއްގައިވެސް ރަށު ފެންވަރުގައި ކުނި ނައްތާލެވޭނެ ނިޒާމެއް ޤާއިމްކުރެއްވުމެވެ. އަދި ރާއްޖޭގެ 7 ސަރަޙައްދެއްގައި ކުނި ނައްތާލާ މަރުކަޒުތަކެއް ޤާއިމް ކުރެއްވުމަށްވެސް ވަނީ ނިންމަވާފައެވެ. މީގެ ތެރެއިން މިހާރު މަސައްކަތް ފަށްޓަވައިފައި ވަނީ އުތުރު ސަރަޙައްދުގައި ހިމެނޭ ނ، ރ ، ބ އަދި ޅ އަތޮޅު ހިމެނޭ ސަރަޙައްދުގައެވެ. އަދި ސަރުކާރުން މިހާރު ތައްޔާރުވެވަޑައިގެންނަވަމުން ގެންދަވަނީ އެންމެ އުތުރުގެ 3 އަތޮޅުގައި މިފަދަ ނިޒާމެއް ޤާއިމް ކުރެއްވުމަށެވެ.

އެ ސަރަޙައްދުގެ މަސައްކަތަށް ބޭނުންވާ ފައިސާ އޮފިޑް ފަންޑުން ހަމަޖެހިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރުން މާލެ ސަރަޙައްދުގެ ކުނި މެނޭޖްކުރުމުގެ ޢަމަލީ މަސައްކަތްތައް އަންނަ ޑިސެމްބަރު މަހު ފެށުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން ދަނީ ތައްޔާރުވަމުންނެވެ.