ޚަބަރު

ހަވީރު 4 ޖަހާއިރު ވޯޓުފޮށިތަކުގެ ކިޔޫތައް ބަންދުވާނެ!


  • ވޯޓު ފޮށި ބަންދުކުރާނީ ކިޔޫގައި ތިބި އެންމެން ވޯޓުލާ ނިމުމުން

  • ވޯޓު ގުނަން ފަށާނީ ފޮށި ބަންދުކުރާތާ 30 މިނެޓްފަހުން

މިހާރު ކުރިއަށްދާ އިންތިޚާބުގައި ވޯޓުފޮޮށިތަކުގެ ކިޔޫ ހަވީރު 4:00 ޖަހާއިރު ބަންދުވާނެއެވެ.

މި އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ ހެނދުނު 8:00ގައެވެ. ބައެއް ފޮށިތަކުގައި ވޯޓުލުން ފެށުން ލަސްވި ނަމަވެސް އެއްވެސް ފޮއްޓެއްގެ ވޯޓުލާ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފައި ނުވެއެވެ.

މިއަދު މެންދުރު 2:00 އާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުން ދައްކާގޮތުގައި 131،947 މީހުން ވަނީ ވޯޓުލާފައެވެ. އެއީ 63،175 އަންހެނުންނާއި 6،8772 ފިރިހެނުންނެވެ.

މި ވޯޓުގައި ވޯޓުލުމުގެ ޙައްގު 294،876 މީހުންނަށް ލިބިގެންވާއިރު މިހާތަނަށް ވޯޓުނުލަނީ 162،929 މީހުންނެވެ. އެހެންކަމުން ވޯޓު ކިޔޫތައް ބަންދުކުރުމުގެ ކުރިން ވީހާވެސް ގިނަ މީހުން ވޯޓުލުމުގެ ޙައްގު އަދާކުރުމަށް ކިޔޫގައި ޖެހުމަށް އިލެކްޝަންސް ކޮމިޝަނުން އެދެއެވެ.

ހަވީރު 4:00 ޖެހުމުގެ ފަހުން އެއްވެސް މީހަކަށް ކިޔޫއަށް އެރުމުގެ ފުރުސަތެއް ނުލިބޭނެއެވެ. އަދި އެ ވަގުތުގައި ކިޔޫގައި ތިބި ބަޔަކު ވޯޓުލާ ނިމުމުން ވޯޓުފޮށިތައް ބަންދުކުރާނެއެވެ.

މި އިންތިޚާބުގައި ވޯޓު ގުނަން ފަށާނީ ވޯޓު ފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުންނެވެ.

މި އިންތިޚާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 588 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. އިންތިޚާބުގެ ގޮތުން ކޮންމެ ވޯޓުލާ މަރުކަޒެއްގައި 3 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ ލޯކަލް ކައުންސިލް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ތެރެއިން ކޮންމެ ވޯޓުކަރުދާހަކަށް ފޮއްޓެކެވެ.