ތަރައްްޤީ

އަމިން އެވެނިއުގެ ބައެއް އެޕާޓްމަންޓްތައް ދައްކާލަނީ


އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ޢިމާރާތްކުރާ "އަމިން އެވެނިއު"ގެ ޓަވަރު "އޭ" އަދި ޓަވަރު "ބީ" ން އެޕާރޓްމެންޓް ގަނެފައިވާ ފަރާތްތަކަށް ޑިސެމްބަރު މަހު އެ އެޕާރޓްމެންޓްތައް ދައްކާލާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

"އަމިން އެވެނިއު" އަކީ 14 ބުރީގެ 3 ޓަވަރުގެ މައްޗަށް ހިމެނޭ އެޕާރޓްމެންޓް ކޮމްޕްލެކްސްއެކެވެ.

2015 ވަނަ އަހަރުގެ މާރޗް މަހުގެ 11 ވަނަ ދުވަހު އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ލޯންޗް ކުރި އަމީން އެވެނިއުގެ ޓަވަރު އޭ އަދި ޓަވަރު ބީގެ ކޮންކްރީޓްގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަމިން އެވެނިއުގެ ސޭލްސް ޓީމްގެ ފަރާތުން އާދަމް ރިޒްވީ ވިދާޅުވީ، ޓަވަރު ސީގެ ފަންގިފިލާތަކުގެ ތެރެއިން އަށްވަނަ ބުރިއާ ހަމައަށް ކޮންކްރީޓް މަސައްކަތް ނިމިފައިވާކަމަށެވެ. އަދި ޓަވަރު އޭ އަދި ބީ އިން އެޕާރޓްމެންޓް ގަނެފައިވާ މީހުންނަށް، ޑިސެމްބަރު މަހުގެ ފަހު ހަފްތާ ތެރޭގައި އެ އެޕާރޓްމެންޓްތައް ދައްކާލާނެކަމަށް ރިޒްވީން ވިދާޅުވިއެވެ.

"މިހާރުގެ ޓާރގެޓަކީ ޓަވަރ އޭ އަދި ޓަވަރ ބީގެ އެޕާރޓްމެންޓްތައް އަންނަ އަހަރުގެ ޖޫން އެކެއްގައި ހަވާކުކުރުން. ޖޫން އެކެއްގައި ޙަވާލު ކުރާއިރު ޑިސެމްބަރުގައި މި ދައްކާލަނީ، އެ ބޭފުޅުން ފަރނިޗަރ ގަނެ، ތައްޔާރުވާން ވަގުތު ދިނުމުގެ ގޮތުން.. ކުރިން ދައްކާލީމަ ހުރިހާ ބޭފުޅުންނަށްވެސް ތައްޔާރު ވެވޭނެ ތިމަންނަގެ އެޕާރޓްމެންތް ހުންނާނީ މިހެންނޭ.. އިތުރު ބަދަލެއް ގެންނަން ބޭނުންވިޔަސް ޓައިމް ލިބޭނެ.´'' އާދަމް ރިޒްވީ ވިދާޅުވިއެވެ.

އެޕާރޓްމެންޓް ކޮމްޕްލެކްސް ލޯންޗްކުރިތާ ގާތްގަނޑަކަށް 6 މަސްދުވަހުގެ ތެރޭގައި ހުރިހާ އެޕާރޓްމެންޓެއް ވިކި ހުސްވެފައިވާކަމަށް އަމިން އެވެނިއުގެ ސޭލްސް ޓީމްގެ ފަރާތުން ޝިރާޒް މުޞްޠަފާ ވިދާޅުވިއެވެ. އެހެންނަމަވެސް ފައިސާ ދަންކަން ކަނޑައަޅާފައިވާ ޓައިމްލައިނާ އެއްގޮތަށް ފައިސާ ނުދައްކައިގެން އަލުން ވިއްކާލަންޖެހޭ އެޕާޓްމެންޓްތައް ވިއްކާމުންދާ ކަމަށް ޝިރާޒް ވިދާޅުވިއެވެ. އެންމެ ފުރަތަމަ އެޕާރޓްމެންޓެއްގެ އަގުގެ 20 އިންސައްތަ ނެގުމަށްފަހު، ބާކީ ފައިސާ ދެއްކޭނެ ފަސޭހަ އިންތިޒާމެއް ސަރުކާރުން ވަނީ ހަމަޖައްސަވާދެއްވާފައެވެ.

"ފައިސާ ނުދައްކައިގެން ޑިފޯލްޓްވާ ޔުނިޓްތައް، ފަސްޓްކަމް ފަސްޓް ސާރވް ބޭސިސްގައި ވިއްކަމުން ދަނީ.. 20 އިންސައްތަ ނެގުމަށްފަހު، ބާކީ އޮތް 80 އިންސައްތަ އެޗްޑީ އެފްސީ މެދުވެރިކޮށް ނުވަތަ އަމިން އެވެނިއުގެ ފަރާތުން ދޭ ޕާމެންޓް ޝެޑިއުލާ އެއްގޮތަށް ދެއްކޭނެ." ޝިރާޒް މުސްތަފާ ވިދާޅުވިއެވެ.އަމިން އެވެނިއުގެ އެޕާރޓްމެންޓް ކޮމްލެކްސް، އަމިން އެވެނިއުގެ ޓަވަރ އޭ އަދި ޓަވަރ ބީގެ އެޕާރޓްމެންޓްތައް އަންނަ އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހު ޙަވާލުކުރުމަށްވަނީ ނިންމާފައެވެ. އަދި ޓަވަރ ސީގެ އެޕާރޓްމެންޓްތައް އަންނަ އަހަރުގެ ޑިސެމްބަރު މަހު ޙަވާލުކުރުމަށް ވަނީ ނިންމާފައެވެ.

"އަމިން އެވެނިއު" އެޕާޓްމަންޓްތަކުގެ އަގުތަށް ކަނޑައާޅާފައިވަނީ 2.2 މިލިއަން ރުފިޔާއިން ފެށިގެން 8 މިލިއަން ރުފިޔާއާ ދެމެދުގެ ރޭންޖެއްގައެވެ. ޖުމްލަ 279 އެޕާރޓްމެންޓް ހިމެނޭ އަމިން އެވެނިއުގެ އެޕާރޓްމެންޓްތައް ވަނީ 4 ކެޓެގަރީއަކަށް ބަހާލާފައެވެ. އެއީ ބޭސިކް ކެޓެގަރީގައި 189 އެޕާރޓްމެންޓާއި، ބޭސިކް ޕްލަސް ކެޓެގަރީގެ 54 އެޕާރޓްމެންޓް އަދި ލަގްޒަރީ ކެޓެގަރީގެ 18 އެޕާރޓްމެންޓާއި، ޑުޕްލެކްސް ޕެންޓް ހައުސް ކެޓެގަރީގެ 18 އެޕާރޓްމެންޓެވެ.

މި ޕްރޮޖެކްޓް ކާމިޔާބުވެފައިވާތީ، އެ ކާމިޔާބީއަށް ބަލައި، ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އިތުރު ބިޔަ މަޝްރޫއެއް ފަށާނެކަމަށް އަމިން ކޮންސްޓްރަކްޝަނުން ބުނެއެވެ.