ޓުއަރިޒަމް

"ފަތުރުވެރިކަން އިސްތިހާރުކުރުމަށް އިތުރު ގޮތްތަކެއް ބޭނުން"


ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ ހޯދާފައިވާ މަޤްބޫލްކަން ދެމެހެއްޓެވުމަށް ރާއްޖެ އިޝްތިހާރުކުރެއްވުމުގައި އާ ގޮތްތައް ބޭނުންކުރެއްވުން މުހިއްމު ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މޫސާ ޒަމީރު މިހެން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން މަރކޭޓްކޮށް ޕްރޮމޯޓްކުރުމަށް ކުރެވިގެންދާނެ ކަންތައްތައް ދެނެގަތުމާ ގުޅޭގޮތުން މިއަދު ބޭއްވެވި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން. މި ކޮންފަރެންސަކީ މިހާތަނަށް ރާއްޖޭގައި ބޭއްވެވި މިފަދަ އެންމެ ބޮޑު، ކޮންފަރެންސެވެ.

ދަރުބާރުގޭގައި ބޭއްވެވި އެއްދުވަހުގެ މި ކޮންފަރެންސްގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ 150 އަށްވުރެ ފަރާތަކުން ބައިވެރިވެފައިވެއެވެ. މި ކޮންފަރެންސް ފަށްޓަވައިދެއްވަމުން މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މިފަދަ ކޮންފަރެންސެއްގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޒަމީރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައި ކަމަށާއި، އަދި އެދާއިރާގައި ދުނިޔޭގެ ފެންވަރުގައި ރާއްޖެ އޮތީ އެންމެ ކުރީ ސަފުގައި ކަމަށެވެ. އަދި ރާއްޖެ އެގޮތުގައި ދެމިއޮތުމަށް އާ ސްޓްރެޖީތައް އެކުލަވާލައްވަންޖެހޭ ކަމަށާއި، އާ ތަޞައްވުރެއް އަދި އާ ހިތްވަރެއް ބޭނުންވާ ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުއްވުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީއަށް ލަފާދެއްވުމަށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ އިސް ފަރާތްތައް ހިމެނިވަޑައިގަންނަވާގޮތުން ޓޫރިޒަމް މިނިސްޓްރީއިން ދާދި ފަހުން ވަނީ ޓޫރިޒަމް އެޑްވައިޒަރީ ބޯޑެއް އެކުލަވާލައްވާފައެވެ. އަދި މި ކޮންފަރެންސަކީ އެ ބޯޑާއެކު ކުރެއްވުނު މަޝްވަރާތަކުގެ ނަތީޖާ ކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

ހައި ލެވަލް ކޮންފަރެންސް އޮން ޑެސްޓިނޭޝަން މަރކެޓިންގ އެންޑް ޕްރޮމޯޝަންގެ ނަމުގައި ކުރިއަށް ބޭއްވެވި މި ކޮންފަރެންސްގައި ބޭރުގެ ކަމާގުޅޭ މާހިރުން ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި އެ ބޭފުޅުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ޕްރެޒެންޓޭޝަންތައް ހުށައެޅުއްވިއެވެ.