ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގައި ބައިނަލްއަޤުވާމީ ފެންވަރުގެ ޑިއުޓީ ފްރީއެއް ގާއިމްކުރުމަށް އެމްއޭސީއެލްއިން ތައްޔާރުވެއްޖެއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލުން ވިދާޅުވީ އައްޑޫސިޓީގެ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގައި ދުނިޔޭގެ ފެންވަރުގެ ޑިއުޓީ ފްރީ އޮޕަރޭޝަނެއް ޤާއިމުކޮށް ހިންގުމަށްޓަކައި މޯލްޑިވްސް ޑިއުޓީ ފްރީގެ ފަރާތުން ތައްޔާރުވަމުންދާކަމަށެވެ.
އެމްއޭސީއެލުން ވިދާޅުވީ އައު ޓަރމިނަލްގައި މަތީ ފަންތީގެ ބައިނަލްއަޤުވާމީ ޑިއުޓީ ފްރީގެ ހިދުމަތް ޤާއިމްކުރުމުގެ މައިގަނޑު މަޤްޞަދަކީ ލަގްޒަރީ ރީޓެއިލްގެ ޚިދުމަތް ރާއްޖޭގެ ދެކުނަށް ތަޢާރަފްކުރުން ކަމަށެވެ. މީގެ ސަބަބުން ފަސިންޖަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަވެ، ދެކުނުގެ ވިޔާރީގެ ފުރުސަތުތައް ފަހިވެ، ސަރަޙައްދީ އިޤްތިޞާދީ ދުވެލި ހަލުވިވެގެންދާނެ ކަމަށް އެމްއޭސީއެލުން ވިދާޅުވިއެވެ.
އެމްއޭސީއެލުން ވިދާޅުވީ މި މަޝްރޫޢަކީ ރާއްޖޭގެ އިޤުތިސާދު ފުޅާކުރުމަށާއި ފަތުރުވެރިކަން ސިންދަފާތުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރެވޭ މުހިއްމު މަސައްކަތެއްކަމަށެވެ. އަދި މި އޮޕަރޭޝަން ފެށުމާއެކު، ދެކުނަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ބައިނަލްއަގުވާމީ އާ ވައިގެ ރޫޓުތައް ގަމާ ގުޅާލުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް އެމްއޭސީއެލުން މައުލޫމާތު ދެއްވައެވެ.
އަދި ވަޒީފާގެ ބާޒާރަށް ބަލާއިރު، މި ޑިއުޓީ ފްރީގެ ސަބަބުން ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް އުފެދިގެންދާނެކަމަށާއި މިތަނަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑުތައް މެދުވެރިކޮށް ރާއްޖެއިން ބޭރުން ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ. މިއީ އައްޑޫ ސިޓީގެ އިޤްތިޞާދު ސިންދަފާތުކުރުމުގެ ގޮތުން ގެންގުޅޭ "އައްޑޫ ވެލްކަމްސް ޓު ދަ ވޯލްޑް" ތަސައްވުރުގެ މުހިންމު ބަހާއެއް ކަމަށް އެމްއޭސީއެލުން ފާހަގަކުރައްވައެވެ.
މި މަސައްކަތުގެ ސަބަބުން ދިވެހިރާއްޖޭގެ ޓްރެވަލް ރީޓެއިލް ދާއިރާ ދުނިޔެ ގަބޫލުކުރާ ފެންވަރަށް އުފުލިގެންދާނެ ކަމުގެ ޔަގީންކަން އެކުންފުނިން ވަނީ ދެއްވާފައެވެ.