ޚަބަރު

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ޖޫންގެ ނިޔަލަށް ނިންމަނީ


  • ރައީސް ވަނީ މަސައްކަތްކުރިއަށްދާގޮތް ބައްލަވާލައްވާފައި

  • މިހާރު މަސައްކަތް ކުރިއަށްދަނީ ހެންވޭރު ޓަރމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް

  • 6 މީޓަރު ބޭރަށް ޖައްސާ، މަގު ފުޅާކުރާނެ

ބޮޑުތަކުރުފާނުމަގު ހެންވޭރު ފެރީ ޓަރމިނަލްއާއި ހަމައިން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އޮތް ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް ޖޫން މަހުގެ ނިޔަލަށް ނިންމުމަށް އަމާޒުހިފާފަވާކަމަށް ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވަނީ، ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް އެ ސަރަޙައްދަށް ޒިރާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި އިމާރާތްކުރުމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އަދި މި މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީގެ ސީއީއޯ އަޙްމަދު ސަޢުދީ ބައިވެރިވެވަޑައިގެންނެވިއެވެ.

ފޭސް1 ގެ ތެރެއިން މިވަގުތު މަސައްކަތް ކުރިއަށްދަނީ ހެންވޭރު ފެރީ ޓަރމިނަލްއިން ފެށިގެން މަސްވެރިންގެ ޕާކާއި ހަމައަށް އޮތް ސަރަޙައްދެވެ.

މަސައްކަތް ކުރިއަށްދާގޮތާއި ގުޅޭގޮތުން ތަފްސީލް ޙިއްސާކުރައްވަމުން ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ، އެ ސަރަޙައްދުގެ އެއްގަމު ތޮށި 6 މީޓަރު ބޭރަށް ޖައްސާ މަގު ފުޅާކުރާކަމަށެވެ. މަގުގެ އެއްގަމު ތޮށީގެ މަސައްކަތާއި ޔުޓިލިޓީ ވިއުގައިގެ މަސައްކަތް ދަނީ ކުރިއަށެވެ.

"ހެންވޭރު ޓަރމިނަލްއިން ފަށައިގެން، މަސްވެރިންގެ ޕާކާއި ހަމައަށް މި ސަރަޙައްދުގެ މަސައްކަތް 1 މަސްތެރޭގައި ނިންމުން އަމާޒަކީ. އަދި އިއްޒުއްދީން ފާލަމާހަމައަށް 3 މަސްތެރޭ ޖޫން ގެ ނިޔަލަށް ނިންމުން." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސިޓީ ގަރޑަން ކުރިމަތިން އޮންނަ ސަރަޙައްދުން މަގު ފުޅާކުރަން ބޭރަށް ޖައްސާ ސަރަޙައްދުގައި 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނެއްވެސް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އުޅަނދުތަކަށް ކައިރިކުރެވޭގޮތަށް ވަށައިގެން ކީވޯލް ޖަހާނެކަމަށެވެ.

އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ ވިދާޅުވީ، މަގުގެ މަސައްކަތް ބާރު ސްޕިޑްގައި ކުރިއަށްގެންދިއުމަށް އިމާރާތްކުރުމާ ބެހޭ ވުޒާރާއާއި ގުޅިގެން މަސައްކަތްތައް ކުރިއަށްގެންދާކަމަށެވެ.

"މި ސަރަޙައްދަކީ ވަރަށް އޮފީސްތައްވެސް ގިނަ ސަރަޙައްދެއް. ގޯޅިތައްވެސް ހަނި، އޭގެ ގޮންޖެހުން އެބަހުރި. ގޮންޖެހުންތަކާއެކުވެސް، އާއްމުންގެވެސް އެއްބާރުލުމާއެކު ވަރަށް ރަނގަޅަށް މަސައްކަތްތައް ދަނީ. ކަނޑައަޅާފައިވާ ތާރީޚުތަކަށް މަސައްކަތް ނިންމޭނެކަމުގެ ވަރަށް ޔަގީންކަން އެބައޮތް." ވަޒީރު ވިދާޅުވިއެވެ.

ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާއި ހަމައަށް އެއީ 90 މީޓަރުގެ ސަރަޙައްދެވެ. އަދި އިއްޒުއްދީން ފާލަމާ ހަމައަށް އެއީ 700 މީޓަރުގެ ސަރަޙައްދެވެ. އެ ސަރަޙައްދުގައި ޖުމުލަ 610 މީޓަރުގެ އެއްގަމު ތޮށި އައުކޮށް، ތަރައްޤީކުރެއެވެ.