އަސާސީ ބޭސް ހޯދުމަށް ރައްޔިތުންނަށް އެހީވުމަށް ހާއްސަ ހޮޓްލައިންއެއް ދައުލަތުގެ ބޭސްކުންފުނި، ސްޓޭޓް ފާމަސޫޓިކަލްސްއިން ތާޢާރަފްކޮށްފިއެވެ. މި ހޮޓްލައިންގެ ޚިދުމަތް މިއަދުން ފެށިގެން ލިބޭނެ ކަމަށް ސްޓޭޓް ފާމަސޫޓިކަލް ކުންފުނިން ވިދާޅުވެއެވެ.
ދައުލަތުގެ ބޭސްކުންފުނިން ތައާރަފް ކޮށްފައިވާ ހޮޓްލައިން ނަންބަރަކީ 1505 އެވެ. މިއީ 24 ގަޑިއިރު ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ޚިދުމަތް ލިބޭ ގޮތަށް ތައާރަފްކޮށްފައިވާ ޚިދުމަތެކެވެ. އެކުންފުނިން ވިދާޅުވީ މި ނަންބަރުގެ ތައާރަފްކޮށްފައިވަނީ ދިވެހިރައްޔިތުންނަށް ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ކަމަށެވެ. އަދި ބޭސް ހޯދުމާއި އެކަމާއި ގުޅޭ މައުލޫމާތު މި ނަންބަރު މެދުވެރިކޮށް ލިބޭނެ ކަމަށް ދައުލަތުގެ ބޭސްކުންފުނިން ވިދާޅުވިއެވެ.
މި ޚިދުމަތް ތާއާރަފްކުރުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ އެކުންފުނިން އިސްކަމެއް ދޭ ކަމެއް ކަމަށެވެ. މިއީ ރައްޔިތުންނަށް ބޭސް ލިބުމުގައި ދިމާވާ ގޮންޖެހުންތައް ހުރިހާ ސަރަހައްދަކުން ކޮންމެ ވަގުތަކުވެސް، ހިއްސާކުރެވޭނެ މަގެއް ތަނަވަސްކޮށްދިނުމަށް ތައާރަފް ކުރި ޚިދުމަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ޚިދުމަތާއެކު ރައްޔިތުންގެ ބޭހުގެ ކަންކަމުގައި ބޭނުންވާ ކަންކަން ދެނެގަންނަން ފަސޭހަވެ، ރާއްޖޭގެ ހުރިހާ ސަރަހައްދަކުންވެސް ރައްޔިތުންނަށް ބޭނުންވާ ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.
ދައުލަތުގެ ބޭސް ކުންފުނިން ވިދާޅުވީ، މި ޚިދުމަތް ފަށަނީ އަސާސް ބޭސްތައް ހޯދުމަގައި އެހީތެރިވެދިނުމަށް ކަމަށެވެ. އަދި އެހެން މަރުހަލާތަކަށް ބަހާލައިގެން އިތުރު ބޭސްތައް ހޯދުމާއި އެހެނިހެން ޚިދުމަތްތައް އެދުމަށް މަގުފަހިކޮށްދެވޭނެކަމަށް، ދައުލަތުގެ ބޭސް ކުންފުނިން ވިދާޅުވިއެވެ. މި ހޮޓްލައިނަށް ގުޅައިގެން އަސާސީ ބޭސްތަކަށް އޯޑަރ ދިނުމާއި އެ ބޭސްތައް އެ ފަރާތްތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަގުފަހިވެގެންދާނެއެވެ.
މީގެ އިތުރުން ދެވިފައިވާ އޯޑަރުތަކުގެ އަދާހަމަ ބަލާލުމާއި އެކަމާއި ގުޅޭ މައުލޫމާތު ހޮޓަލައިން މެދުވެރިކޮށް ލިބޭނެކަމަށް ބޭސް ކުންފުނިން ވިދާޅުވިއެވެ.
ދައުލަތުގެ ބޭސް ކުންފުނިން ވިދާޅުވީ، އެކުންފުނި މެދުވެރިކޮށް ބޭސް ހޯދަން އޯޑަރު ކުރުމުން، އެ ބޭސް އެ ފަރާތްތަކާއި ގާތުން ފާމަސީއެއް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައި ދެވޭނެ ކަމަށެވެ.
"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުންފުންޏެއް އުފެއްދެވީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގައެވެ. އެ ކުންފުނި އުފެއްދެވީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެ އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމުގެ ގޮތުންނެވެ. މިކުންފުންޏާއެކު ބޭސް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ސަރުކާރުން ވަނީ އަސާސީ ބޭސް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ލިބެން ހުރިކަން ކަށަވަރު ކުރުމަށާއި އެޕްރޫވްކޮށްފައިވާ ބޭސްތައް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެކުންފުނީގެ މަސައްކަތްތައް މިހާރު ފަށާފައިވާކަން ހާމަކޮށްފައެވެ.
މި މަސައްކަތަށް މިހާތަނަށް ވަކި ޚާއްސަ ކުންފުންޏެއް ނެތުމުގެ ސަބަބުން ހުރި ދަތިތައް ނައްތާލައި ރާއްޖޭގެ ޞިއްޙީ ނިޒާމު ތަރައްޤީވަމުންދާ ގޮތަށް ބަލައި ސަރުކާރުން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން އުފެއްދެވުމަކީ ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅެއްކަން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވަނީ ވިދާޅުވެފައެވެ.