ތައިލޭންޑްގައި ކުރިއަށްދާ 36 ވަނަ ޗަންގމާއި ސިކްސެސް މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ސީނިއާ ކުރިކެޓާސް ކުލަބް (އެސްސީސީ)އިން ކުޅުނު ތިންވަނަ މެޗުވެސް ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
މުބާރާތުގެ ދެވަނަ ބުރުން ރާއްޖޭގެ ޓީމު ޖާގަ ކަށަވަރުކުރީ ވާދަކުރި ތިންވަނަ މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށްގެންނެވެ. އަންގާރަ ދުވަހު ކުޅުނު މި މެޗުގައި އެސްސީސީއިން ޕާރޕްލް ހެލްމެޓްސްއާއި ވާދަކޮށްވަނީ 61 ލަނޑުގެ ބޮޑު ފަރަގަކުން މެޗު ކާމިޔާބުކޮށް މުބާރާތުގެ ކަޕް ކެޓަގަރީއިން ފުރުސަތު ހޯދާފައެވެ.
މިމެޗުގައި ރާއްޖޭގެ ޓީމުންވަނީ 5 އޯވަރުގެތެރޭގައި 97 ލަނޑު ހަދާފައެވެ. އަދި އިދިކޮޅުން ނުކުތް ޕާރޕްލް ހެލްމެޓްސްއަށް 5 އޯވަރުގެ ތެރޭގައި ހެދިފައިވަނީ 36 ލަނޑެވެ. މިމެޗުގައި ރާއްޖޭގެ ޓީމުން އެންމެ މޮޅަށް ކުޅުނީ ނުބައިނުވެ 35 ލަނޑު ހެދި މޫސާ ކަލީމެވެ. އޭނާވަނީ މީގެ ކުރިން ކުޅުނު ދެމެޗުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. ޕާރޕްލް ހެލްމެޓްސްއިން އެންމެ ރަނގަޅަށް ކުޅެފައިވަނީ ޑެރެން ގްރިސްޓެވެ. އޭނާވަނީ ނުބައިނުވެ 22 ލަނޑު ހަމަކޮށްފައެވެ.
މުބާރާތުގ ޕޮއިންޓު ތާވަލަށް ބަލާއިރު ތިން މެޗު ކާމިޔާބުކޮށް 17 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ރާއްޖޭގެ އެސްސީސީއެވެ. އަދި 16 ޕޮއިންޓާއެކު ދަރްޖީލިންގ ސީސީ އޮތްއިރު، ތިންވަނައިގައި ވަނީ ކްލިފްޓަން ހިލްސް ސްޓްރޭ ކެޓްސްއެވެ. އެޓީމަށް ލިބިފައިވަނީ 14 ޕޮއިންޓެވެ.
36 ވަނަ ޗަންގމާއި ސިކްސެސް މުބާރާތުގައި ރާއްޖެ ހިމެނޭހެން އެކި ގައުމުތަކުން 42 ޓީމު ވާދަކުރެއެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާ، ނިއުޒީލެންޑް، އިނގިރޭސިވިލާތް އަދި އިންޑިއާ ފާހަގަކޮށްލެވެއެވެ.
ޗަންގމާއި ސިކްސެސް މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ސްކޮޑުގައި ހިމެނެނީ ތަޖުރިބާކާރު ކުޅުންތެރިންކަމަށްވާ މޫސާ ކަލީމް، އަހްމަދު އަފްޒަލް ފާއިޒް، އަހްމަދު ނީޝަމް ނާސިރް، އަލީ އާޒިމް، އާރިފް ރިޒާ، އިބްރާހިމް ރިޔާޒް، މުހައްމަދު ސައީދު، ޝާހިދު މުހައްމަދުގެ އިތުރުން އަހްމަދު ކަލީމެވެ.
މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ރާއްޖޭގެ ޓީމުން ނުކުންނާނީ ޑްރިފްޓާސްއާއި ދެކޮޅަށެވެ. އެމެޗު އޭޕްރިލްމަހުގެ ފުރަތަމަ ދުވަހު ކުޅޭއިރު، ޖެހިގެން އަންނަ ދުވަހު ދެވަނަ މެޗުގައި ވާދަކުރާނީ މާރގޭޓް ސީސީއާއެވެ. އަދި މުބާރާތުގެ ސެމީފައިނަލް މެޗުތަކާއި ފައިނަލް މެޗު ކުޅޭނީ އޭޕްރިލްމަހުގެ 4 ވަނަ ދުވަހުއެވެ.
36 ވަނަ ޗަންގމާއި ސިކްސެސް މުބާރާތުގެ ކުޅުން ކުރިއަށްދަނީ މިމަހުގެ 27 އިން އަންނަމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ. ރާއްޖޭގެ ސީނިއާ ކުރިކެޓާސް ކުލަބް އެނބުރި ރާއްޖެ އަންނާނީ އަންނަމަހުގެ 6 ވަނަ ދުވަހުއެވެ.