ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރަމުންދަނީ ހަމައެކަނި މާލެއަށް މަރުކަޒުވެފައި އޮތް ޚިދުމަތްތައް ރަށްރަށަށް ބަހާލައި، ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫގައި އާސަންދަ އަދި އެންސްޕާގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަަކަފުޅު ދައްކަވަމުންނެވެ.
އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، މިއަދަކީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ވަރަށް އުފާވެރި އަދި އެހާމެ ތާރީޚީ ދުވަހެއް ކަމަށެވެ. އަދި ރައީސްގެ އިރުޝާދުގެ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ސިޔާސަތުތައް ބައްޓަންކުރަމުންދަނީ ހަމައެކަނި މާލެއަށް މަރުކަޒުވެފައި އޮތް ޚިދުމަތްތައް ރަށްރަށަށް ބަހާލައި، ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫގައި ހުޅުވުނު މި އޮފީހާއެކު، އައްޑޫގެ ރައްޔިތުން މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް ބޮޑު ލުޔެއް ލިބި، އިދާރީ ގިނަ ކަންތައްތަކެއް އަމިއްލަ ފަސްގަނޑުގައި ތިބެގެން ކުރުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ. މީގެ އިތުރުން، މި އޮފީހާއެކު އިޖުތިމާއީ ރައްކާތެރިކަމުގެ އެހީއަށް އެދުމާއި، ބޭސްފަރުވާގެ ކަންކަމުގައި އާސަންދަ އަދި އެންސްޕާގެ ޚިދުމަތްތައް ހޯދުމުގައި ހުރި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދިޔުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"މި އޮފީހުގެ ޚިދުމަތަކީ ހުވަދު އަތޮޅާއި ފުވައްމުލަކު ސިޓީ ހިމެނޭހެން، ދެކުނުގެ އަތޮޅުތަކަށް ފުޅާވެގެންދާނެ ޚިދުމަތެއް. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން، ޢަމަލީ ގޮތުން އެންސްޕާ އަދި އާސަންދައިން ފޯރުކޮށްދޭ ޚިދުމަތްތައް ހޯދުމަށްޓަކައި ލިޔެކިޔުންތައް ހުށަހަޅައި، އެކަމުގައި ލިބޭ ޖަވާބެއްގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ އިންތިޒާރު ކުޑަވެގެންދާނެ. މިއީ ވަގުތާއި ޚަރަދު ސަލާމަތްކުރެވި، މި ސަރަޙައްދުގައި ދިރިއުޅޭ ލޮބުވެތި ރައްޔިތުންގެ ތަކުލީފުތަކަށް ލިބޭނެ ބޮޑު ތަސައްލީއެއް" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ އަޑުއަހައި، ރައްޔިތުންގެ ބޭނުންތަކަށް އިޖާބަދޭނެ ސަރުކާރެއް ކަމަށެވެ. މި އޮފީސް ހުޅުވުމަކީ ދެކުނުގެ ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ތަސައްލީއެއްގެ ގޮތުގައި އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ސިފަކުރެއްވިއެވެ.