ޚަބަރު

އީރާނަށް ޙަމަލާދޭން ސްޕެއިންގެ ވައިގެ ސަރަޙައްދު ނުދިން


މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ތެރެއިން، އީރާނަށް ވައިގެ ޙަމަލާތައް ދިނުމަށް ސްޕެއިންގެ ވައިގެ ސަރަޙައްދު ބޭނުންކުރުން އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކަށް މަނާކޮށްފައިވާ ކަމަށް ސްޕެއިންގެ ދިފާޢީ ވަޒީރު މާގަރީޓާ ރޯބްލްސް ވިދާޅުވެއްޖެއެވެ.

ރޯބްލްސް ނޫސްވެރިންނަށް ވިދާޅުވީ، ސްޕެއިންގެ ވައިގެ ސަރަޙައްދުގެ އިތުރުން ސްޕެއިންގެ އަސްކަރީ މަރުކަޒުތައް ވެސް އީރާނަށް ޙަމަލާދިނުމުގައި ބޭނުންކުރުުމުގެ ފުރުޞަތު އެމެރިކާއަށް ނުދޭން ނިންމާފައިވާ ކަމަށެވެ.

ސްޕެއިންގެ އިޤްތިޞާދާބެހޭ ވަޒީރު ކާލޯސް ކުއޭޕޯ ވިދާޅުވި ގޮތުގައި، މި ނިންމުން ނިންމާފައިވަނީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް، އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި އެއްވެސް މިންވަރަކަށް ސްޕެއިނުގެ ބައިވެރިވުމެއް ނުބޭއްވުމަށެވެ.

ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ އިޤުތިޞާދީ އަދި މާލީ ބުރަ ދުނިޔޭގެ ހުރިހާ ރައްޔިތުން އުފުލަންޖެހުމަކީ އިންސާފެއް ނޫން ކަމުގައި ވިދާޅުވެ، ސްޕެއިންގެ ބޮޑުވަޒީރު ޕެދްރޯ ސަންޗޭޒް އެ ކަން ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފައެވެ.

ސަންޗޭޒް ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަނގުރާމައަކީ ކަނޑައެޅިގެން "ޣައިރުޤާނޫނީ" ޖަރީމާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އަދި، ޓްރަމްޕްގެ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ އިޤުތިޞާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

އީރާނަށް ޙަމަލާ ދިނުމަށް ސްޕެއިންގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ނުދިނުމުން، ސްޕެއިން އާއެކު ވިޔަފާރީގެ ގުޅުން ކަނޑައިލާނެކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވައިފައެވެ.