ސިޔާސީ

ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވާން އެމްޑީޕީން ނިންމައިފި


ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމް.ޑީ.ޕީގެ ޤައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

މިގޮތަށް ނިންމީ، ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި އެމް.ޑީ.ޕީން ބައިވެރިވުމާއި ގުޅޭގޮތުން، އެޕާޓީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު ހުށައެޅުއްވި ކުއްލި މައްސަލައާއި ގުޅިގެން، ރޭ ބޭއްވި އެމް.ޑީ.ޕީގެ ޤައުމީ މަޖިލީހުގެ ކުއްލި ޖަލްސާއެއްގައެވެ.

ޤަރާރު ފާސްވީ، ބަހުސްކުރުމަށްފަހު ބައިވެރިވި 39 މެންބަރުންގެ ތެރެއިން 2 މެންބަރުން ފިޔަވައި ހުރިހާ މެންބަރުންވެސް ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވުމަށް ވޯޓުދެއްވުމުންނެވެ.

އެމް.ޑީ.ޕީން ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވާން މި ނިންމީ ދާދިފަހުން އެއްވެސް ޝަރުތަކާއި ނުލައި ހުރިހާ ޕާޓީތަކުން މަޝްވަރާގެ މޭޒަށް އައުމަށް ސީމެގުން ގޮވާލާފައިވަނިކޮށެވެ. ސަރުކާރުން މީގެ ކުރިންވެސް ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ގޮވާލާފައިވެއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ޝަރުތުތަކެއް ކުރިމަތިކޮށް މަޝްވަރާތަކުގެ ބައިވެރިވެފައެއް ނުވެއެވެ.