ޚަބަރު

ކުނި މެނޭޖުކުރުމުގެ 3 ޤަވާއިދެއް އާއްމުކުރަނީ


  • ކުނި މެނޭޖުކުރުމުގެ އާއްމު ޤަވާއިދު ހަރުދަނާކޮށް އާއްމުކުރާނެ

  • ކުނި މެނޭޖުކުރުމުގެ ޚިދުމަތް ދިނުމުގެ ޤަވާއިދެއް އެކުލަވާލާނެ

ކުނި މެނޭޖު ކުރުމުގެ ޤާނޫނު ތަންފީޒުކުރުން ހަރުދަނާ ކުރުމަށް 3 ޤަވާއިދެއް އެކުލަވާލާ، 2 މަހެއްހާ ދުވަހުގެ ތެރޭގައި އާއްމުކޮށް ޢަމަލުކުރަން ފަށާނެ ކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، މިހާރު ކުރަމުންދަނީ މި ޤަވާއިދުތައް އެކުލަވާލުމުގެ އެންމެފަހު މަރުޚަލާތަކުގެ މަސައްކަތް ކަމަށެވެ. މީގެތެރޭގައި ހިމެނެނީ، ކުނި މެނޭޖު ކުރުމުގެ އާއްމު ޤަވާއިދެއް އެކުލަވާލުމާއި، ކުނި މެނޭޖު ކުރުމުގެ ޚިދުމަތް ދިނުމުގެ ޤަވާއިދާއި އަދި އެއްފަހަރު ބޭނުންކޮށް އުކާލާ ކުންޏާއި ގުޅޭ ޤަވާއިދެއް ކަމަށެވެ. މި މަސައްކަތްތަކުގެ ސްޓޭކް ހޯލްޑަރ ކޮންސަލްޓެންސީގެ މަސައްކަތް ނިމި، ޤާނޫނީ ބައިތައްވެސް ނިމިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން ކުނިން ތަކެތި އުފައްދާ މީހުން، އެ ޕްރޮޑަކްޓެއް ބޭނުންކުރުމަށްފަހު ކުންޏާމެދު ޒިންމާ ވާނެ ގޮތްތަކަކާ ގުޅޭގޮތުން "އެކްސްޓެންޑެޓް ޕްރޮޑިއުސަރ ރެސްޕޮންސިބިލިޓީ" ގެ ނަމުގައި ޤަވާއިދެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ގޮނޑުދޮށާއި އެހެން ތަންތަނަށްވެސް ކުނި އެބަ އަޅާ ޖެހިލުމެއް ނެތި. އެފަދަ މީހުންނަށް ފިޔަވަޅު އަޅާ ޖޫރިމަނާ ކުރާނަން. ބޭނުންވަނީ މި އާއްމު ޤަވާއިދުގެ ދަށުން އަދަބުދޭކަށް ނޫން. ޒިންމާދާރު ކުރުވުން. މިއީ އާއްމު ސާފުތާހިރުކަން އަދި އިޤްތިޞާދާވެސް ގުޅިފަވާ ކަމެއް." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އުފައްދާ ކުންޏާމެދު ޒިންމާދާރުވާނެ ބަޔަކަށް ކޮންމެ މީހަކުވެސް ވާންޖެހޭނެ ކަމަށެވެ. ކުނި މެނޭޖުކުރުމާއި ކުންޏާމެދު އެކުލަވާލާފައިވާ އެކިއެކި އުސޫލުތަކަށް އާއްމުން ހޭލުންތެރިކޮށް، ޒިންމާދާރު ކަމާއެކު ކުނި މެނޭޖުކުރުމަށް އާއްމުން ހޭލުންތެރި ކުރުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.