ޚަބަރު

މާދަމާ ލ.އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށަނީ


  • މިހާތަނަށް 14 އަތޮޅެއްގެ 133 ރަށެއްގައި މި ޚިދުމަތް ވަނީ ފަށާފައި

މާދަމާ ލ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށަން ތައްޔާރުވެއްޖެއެވެ.

ރާއްޖޭގެ ރަށްތަކުގައި އާރްޓީއެލް ހައިސްޕީޑް ފެރީގެ ޚިދުމަތް ދެމުންދަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ. އެމްޓީސީސީން ވިދާޅުވީ، މި ޚިދުމަތް ލ.އަތޮޅުގައި ފަށާނީ މިކަމަށްޓަކައި މާދަމާ އެރަށުގައި ބާއްވާ ޚާއްޞަ ރަސްމިއްޔާތެއްގައި ކަމަށެވެ.

އާރުޓީއެލް ފެރީގެ ޚިދުމަތަށް އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން އެމްޓީސީސީން އިއްޔެ ވަނީ، ލ. ދަނބިދޫ އަދި މާބައިދޫގައި ޚާއްސަ ސެޝަންތަކެއް ބާޢްވާފައެވެ. މި ހިނގާ މާރިޗު މަސް ނިމުމުގެ ކުރިން ލ. އަތޮޅާއި މ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން މިމަހުގެ ކުރީކޮޅު ވަނީ ވިދާޅުވެފައެވެ. އެންމެފަހުން ޚިދުމަތް ފަށާފައިވަނީ، ފ. އަދި ދ އަތޮޅުގައެެވެ.

އާރްޓީއެލް ޚިދުމަތް ކޮންމެ އަތޮޅެއްގައިވެސް ފަށަނީ، އެ އަތޮޅެއްގެ ރައްޔިތުން މި ޚިދުމަތަށް އަހުލުވެރި ކުރުމަށް އެއް ހަފުތާއަށް ހިލޭ ދަތުރު ކުރެވޭ ގޮތަށް ޚިދުމަތް ދިނުމަށް ފަހުއެވެ. އޭގެ ފަހުން އަތޮޅުގެ އެކި ރޫޓުތަކާއި އެހެން އަތޮޅުތައް ގުޅުވާލެވޭ ރޫޓުތަކުގައި ފީއެއް ނަގަން ފަށައެވެ.

މުޅި ރާއްޖެ ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު މަޤްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު، ހެޔޮ އަގެއްގައި ކަނޑުމަގުން ދަތުރު ކުރެވޭނެ ނިޒާމެއް ޤާއިމްކުރުމެވެ. އެގޮތުން މިހާތަނަށް 14 އަތޮޅެއްގެ 133 ރަށެއްގައި މި ޚިދުމަތް ވަނީ ފަށާފައެވެ.