ޚަބަރު

"މުޞްޙަފު މާލްދީފް"ގެ ފުރަތަމަ ކޮޕީ ރައީސަށް އަރުވައިފި


"މުޞްޙަފު މާލްދީފް" މަޝްރޫޢުގެ ދަށުން ފުރަތަމަ ޗާޕްކުރި މުޞްޙަފެއް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުވައިފިއެވެ.

މި ކޮޕީ ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބައްދަލުވުމެއްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދެވެ.

"މުސްޙަފް މަހަލްދީފް" މަޝްރޫޢަކީ ކޮންމެ ދިވެހި ރައްޔިތަކަށް މުޞްޙަފެއް ފޯރުކޮށްދެއްވުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހިންގަވާ މަޝްރޫޢެކެވެ. މި މުޞްޙަފުގެ ބޭރުގަނޑާއި، އެތެރޭގެ ކުރެހުންތަކާއި ލޭއައުޓްތަކުގައި، ހުކުރު މިސްކިތުގައި ހިމެނޭ އަތްތެރި މަސައްކަތުގެ ފަންނުވެރި ކުރެހުންތައް އެކުލެވިފައިވެއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ދިވެހި ސަރުކާރުގެ ކުންފުނިތަކުންނާއި، އަމިއްލަ ކުންފުނިތަކާއި އަދި ވަކިވަކި ދިވެހި ފަރުދުންގެ އިތުރުން، ޖިއްދާގައި ހުންނަ އިސްލާމިކް ކޯޕަރޭޝަން ފޮރ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަރ (އައި.ސީ.ޑީ) އިން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތުދެއްވައެވެ.