ތަރައްްޤީ

ގެދޮރުވެރި ލޯނަށް އެދުނު ފަރާތްތަކުގެ ފޯމްތައް އިވެލުއޭޓް ކުރަނީ


ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން މާލެ، ވިލިމާލެ، އަދި ހުޅުމާލެއަށް ޚާއްޞަކުރައްވައިގެން ދޫކުރައްވާ ލޯނަށް އެދި ހުށަހެޅުއްވި ފަރާތްތަކުގެ ފޯމްތައް އިވެލުއޭޓް ކުރައްވަމުން ގެންދަވާކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ގެދޮރުވެރި ލޯނަށް އެދި 205 ފަރާތަކުން ފޯމް ހުށަހަޅާފައިވާކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ. ފޯމްތައް އިވެލުއޭޓް ކުރެއްވުމަށްފަހު ލޯނު ލިބޭ ފަރާތްތައް ކަނޑައަޅުއްވާ އެފަރާތްތަކަށް މިއަހަރުގެ ތެރޭގައި ލޯން ދެއްވާނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. މިއަހަރުގެ ބަޖެޓުގައި، ގެދޮރުވެރި ލޯނަށް 100 މިލިއަން ރުފިޔާ ކަނޑައަޅުވާފައި އޮތްނަމަވެސް އަމާޒަކީ ވީހާވެސް ގިނަ ބަޔަކަށް މި ލޯން ދޫކުރެއްވުން ކަމަށް ހައުސިން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މި ސްކީމްގެ ދަށުން ހައުސިން މިނިސްޓްރީން، ހައުސިން ޑިވެލޮޕްމެންޓް އެންޑް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށް ގެދޮރު ޢިމާރާތްކުރުމަށް ހޭދަވާ ޚަރަދުގެ 20 އިންސައްތަ ލުއި ލޯނުގެ ގޮތުގައި، މިކަމަށް އެދޭ ފަރާތްތަކަށް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ސްކީމްގެ ދަށުން ލޯން ލިބޭ ފަރާތްތަކަށް ގެދޮރު އިމާރާތްކުރަން ފަށާތާ އަދި ޢިމާރާތްކޮށް ނިންމުމަށް 80 އިންސައްތަ ލޯނުގެ ގޮތުގައި އެޗްޑީއެފްސީ މެދުވެރިކޮށް ލިބުމުގެ މަގުފަހިވެގެންދާނެއެވެ. މި ސްކީމްގެ ދަށުން ނަގާ ލޯނުގެ އިންޓަރެސްޓް ރޭޓަކީ 5 އިންސައްތަކަމަށް ކަނޑައަޅުއްވާފައިވާއިރު، މި ފައިސާ އަނބުރާ ދެއްކުމަށް 20 އަހަރުދުވަހުގެ މުއްދަތެއް ވަނީ ދެއްވާފައެވެ.

ސަރުކާރުން ހިންގާ މިފަދަ ސްކީމްތަކަށް ބޮޑުތަރުޙީބެއް ލިބެމުން އަންނަކަން ހައުސިންގ މިނިސްޓްރީން ފާހަގަކުރައްވައެވެ.