ކުޅިވަރު

ޗަންގމާއި ސިކްސެސް މުބާރާތުގައި ރާއްޖޭގެ އެސްސީސީ


  • މި މުބާރާތުގައި ރާއްޖެއިން ވާދަކުރަނީ މުޅިން އަލަށް

  • ޓީމުގައި ކުރީގެ ތަޖުރިބާކާރު ނުވަ ކުޅުންތެރިން ހިމެނޭ

  • މިޓީމުން ވަނީ މިހާތަނަށް ބައިނަލްއަގްވާމީ ވެޓެރެންސް ދެ މުބާރާތެއްގެ ތަށި އުފުލާލާފައި

ތައިލޭންޑުގައި ކުރިއަށްދާ 36 ވަނަ ޗަންގމާއި ސިކްސެސް މުބާރާތުގައި ރާއްޖޭގެ ސީނިއާ ކުރިކެޓާސް ކުލަބުން ވާދަކުރުމަށް ފުރައިފިއެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމަށް ފުރި ރާއްޖޭގެ ސީނިއާ ކުރިކެޓާސް ކުލަބް (އެސްސީސީ) އަކީ މިމުބާރާތުގައި ވާދަކުރަމުންދާ ޓީމުތަކުގެ ތެރެއިން ޓޮޕް ރޭޓެޑް ޓީމެއްކަމަށް ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން މައުލޫމާތުދެއެވެ.

މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުންދާ ސްކޮޑުގައި ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމެނެއެވެ. އެއީ މޫސާ ކަލީމް، އަހްމަދު އަފްޒަލް ފާއިޒް، އަހްމަދު ނީޝަމް ނާސިރް، ޢަލީ އާޒިމް، އާރިފް ރިޒާ، އިބްރާހީމް ރިޔާޒް، މުހައްމަދު ސަޢީދު، ޝާހިދު މުހައްމަދުގެ އިތުރުން އަޙްމަދު ކަލީމެވެ.

36 ވަނަ ޗަންގމާއި ސިކްސެސް މުބާރާތުގައި ރާއްޖެ ހިމެނޭހެން އެކި ޤައުމުތަކުން 42 ޓީމެއް ވާދަކުރެއެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާ، ނިއުޒީލެންޑް، އިނގިރޭސިވިލާތް އަދި އިންޑިއާ ފާހަގަކޮށްލެވެއެވެ.

މުބާރާތުގެ ތާވަލަށް ބަލާއިރު ރާއްޖެއިން މިމަހުގެ 29 ވަނަ ދުވަހު ނުކުންނާނީ މާގޭޓް އެސްސީ އާއި ދެކޮޅަށެވެ. އެއަށްފަހު 30 ވަނަ ދުވަހު ލަމްފަން ނޮދާން ލަޔަންސްއާ ވާދަކުރުމަށްފަހު 31 ވަނަ ނުކުންނާނީ ޕާޕްލް ހެލްމެޓާ ދެކޮޅަށެވެ.

ޗަންގމާއި ސިކްސެސް މުބާރާތުގައި ރާއްޖެއިން ވާދަކުރާ މިއީ ފުރަތަމަ އަހަރެވެ. އެހެންނަމަވެސް މިޓީމަކީ ބައިނަލްއަޤުވާމީ މިފަދަ މުބާރާތްތަކުގައި މީގެ ކުރިންވެސް ވާދަކޮށް ރަންވަނަތަކެއް ޤައުމަށް ހޯދަައިދީފައިވާ ޓީމެއްކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން 2024 އަދި 2025 ވަނަ އަހަރު ތައިލޭންޑްގައި ބޭއްވި ހުއާ ހިން ސިކްސެސް ވެޓެރެންސް ޑިވިޝަނުގެ ޗެންޕިއަންކަން ހޯދާ މުބާރާތުގެ ތަށި އުފުލާލުން ފާހަގަކޮށްލެވެއެވެ.

36 ވަނަ ޗަންގމާއި ސިކްސެސް މުބާރާތް ކުރިއަށްދާނީ މިމަހުގެ 27 އިން އަންނަމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތަށްފަހު ސީނިއާ ކުރިކެޓާސް ކުލަބް އެނބުރި ރާއްޖެ އަންނާނީ އަންނަމަހުގެ 6 ވަނަ ދުވަހުއެވެ.