ޚަބަރު

ޙަލާލު ޓޫރިޒަމަށް ށ. ފުށިފަރު؛ ބީލަމަށް ހުޅުވާލައިފި


  • ޙަލާލު ޓޫރިޒަމަށް ރަށްރަށް ކުއްޔަށް ދޫކުރަނީ 50 އަހަރަށް

  • 36 މަސް ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށަން ޖެހޭނެ

ޙަލާލު ޓޫރިޒަމް މޮޑެލްގެ ދަށުން ރިސޯޓު ތަރައްޤީކޮށް ހިންގުމަށްޓަކައި ދޫކުރާ ރަށްރަށުގެ ލިސްޓަށް ށ. ފުށިފަރު އިތުރުކޮށް، އެ ރަށް ބީލަމަށް ހުޅުވާލައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ނެރުނު ބީލަން ފޮތުގެ ފުރަތަމަ އިސްލާހުގައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން ހަލާލް ޓޫރިޒަމް މޮޑެލްއަށް ފަތުރުވެރިކަމުގެ ރިސޯޓު ތަރައްޤީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އަންނަ މެއި މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 11:00ގެ ކުރިން ބީލަން ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން ހަލާލް ޓޫރިޒަމް މޮޑެލްއަށް ށ. ފުށިފަރުގެ އިތުރުން، އިތުރު ތިން ސަރަހައްދެއްވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހދ. މަކުނުދޫ، ލ. ފޮނަގާދޫގެ އިތުރުން ސ. ދޮންހެރައެވެ.

ހަލާލު ޓޫރިޒަމަށް ހުޅުވާލާފައިވާ ރަށްރަށް

* ހދ. މަކުނުދޫ (200 ހެކްޓަރުގެ ބިން، 150 އެނދު)
* ށ. ފުށިފަރު (4.34 ހެކްޓަރުގެ ބިން، 100 އެނދު)
* ލ. ފޮނަގާދޫ (8.18 ހެކްޓަރުގެ ބިން، 100 އެނދު)
* ސ. ދޮންހެރަ (8.38 ހެކްޓަރުގެ ބިން، 100 އެނދު)

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ރަށްރަށް 50 އަހަރަށް ކުއްޔަށް ދޫކުރުމަށް ހަަމަޖެހިފައިވާ ކަމަށާއި، ކުއްޔަށް ދޫކުރެވޭ ހިސާބުން ފެށިގެން 36 މަސް ދުވަހުގެ ތެރޭގައި ރިސޯޓުތައް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށަން ޖެހޭނެ ކަމަށެވެ. އަދި މި ރިސޯޓުތައް ތަރައްޤީކުރުމަށް ބިން ހިއްކޭނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ރަށްރަށުގައި ހަލާލު ޓޫރިޒަމްގެ ކޮންސެޕްޓަށް ރިސޯޓުތައް ތަރައްޤީކުރުމަށް ދޫކުރާނީ ވަަރަށް ގިނަ ލުއިތަކާއެކު ކަމަށެވެ. އެގޮތުން، އޯޕަން ބިޑިންއަށް ހުޅުވާލާފައިވާ ރަށްރަށަށް އިކުއިޒިޝަން ފީ އާއި ކޯސްޓް 5 ނުވަތަ 6 އަހަރަށް ބަހާލައިގެން ދެއްކޭނެ ކަމަށާއި، މި ރަށްރަށުގެ ޑިއުޓީވެސް ކަނޑައަޅާފައިވަނީ %20 ހަމައަށް މައާފްކުރެވޭގޮތަށް ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން، ރިސޯޓު ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު ނުވަތަ ގްރޭސް ޕީރިއަޑްގެ ކުރިން ރަށް ނުވަތަ ފަޅު އޮޕަރޭޓްކުރާ ހާލަތުގައި، އެދުވަހުން ފެށިގެން ގްރޭސް ޕީރިއެޑްގެ ބާކީ އޮތް މުއްދަތަށް އަރާ ބިމު ކުލި ފަސްކޮށްދިނުމުގެ ބަދަލުގައި އެއްކޮށް މަޢާފްކޮށްދިނުމަށް ނިންމާފައިވާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

ށ. ފުށިފަރު ލިސްޓަށް އިތުރުކުރުމާ ގުޅިގެން، ބީލަމާ ގުޅޭ މަޢުލޫމާތު ހޯދުމާއި ބީލަން ފޮތް ގަތުމުގެ ސުންގަޑިއަށް އެ ވުޒާރާއިން ވަނީ ބަދަލު ގެނެސްފައެވެ. މީގެ އިތުރުން، މި މަޝްރޫޢާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ދިނުމަށްޓަކައި އިތުރު ޕްރީ-ބިޑް ބައްދަލުވުމެއް ބޭއްވުމަށާއި، ބީލަން ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަށް ބަދަލު ގެނައުމަށްވެސް އެ ވުޒާރާއިން ވަނީ ނިންމާފައެވެ.

ހަލާލް މޮޑެލަށް ފަތުރުވެރިކަމުގެ ރިސޯޓު ތަރައްގީ ކުރުމުގެ އިތުރުން 13 ސަރަހައްދެއްގައި ރިސޯޓު ތަރައްގީކުރުމަށް ބީލަން ހުށަހެޅުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހުޅުވާލި މުއްދަތުވެސް މިވަނީ އިތުރުކޮށްފައެވެ. މި ރިސޯޓުތައް ތަރައްގީކޮށް، ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މެއި މަހުގެ 13ވަނަ ދުވަހުގެ މެންދުރު 13:00 ގެކުރިން ބީލަން ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.