ތިމާވެށި

މޫސުމީ ކާރިސާތަކުން ރައްކާތެރިވުމާގުޅޭ ބައްދަލުވުމެއް ފަށައިފި


މޫސުމީ ކާރިސާތަކަށްް ދުރާލާ ރައްކާތެރިވުމަށް ވާންޖެހޭ ތައްޔާރީތަކާއި ގުޅޭ މަސައްކަތު ބައްދަލުވުމެއް ރާއްޖޭގައި ފައްޓަވައިފިއެވެ.

މިއަދުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިބައްދަލުވުމަކީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް އާއި ދުނިޔޭގެ މޫސުމާއި ބެހޭ ޖަމްޢިއްޔާ، ޑަބްލިޔުއެމްއޯ ގުޅިގެން ބާއްވަވާ ބައްދަލުވުމެކެވެ.

"ސްޓޭކް ހޯލްޑަރސް ވާރކްޝޮޕް ޓު އިނިޝިއޭޓް ދަ އިމްޕްލިމެންޓޭޝަން އޮފް އިމްޕެކްޓް ބޭސްޑް ފޯކާސްޓިންގ އެންޑް ރިސްކް ބޭސްޑް ވޯރނިނގް އިން މޯލްޑިވްސް"ގެ ނަމުގައި ކުރިއަށްދާ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވަނީ ރާއްޖޭގައި މޫސުމާއިބެހޭ އިދާރާއެއް 1942 ގައި ހުޅުވި ހިސާބުން އެތަން ތަރައްޤީކޮށް ކުރިިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މާލެ އާއި އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ 2 ސްޓޭޝަން މެދުވެރިކޮށް ފުރަަތަމަ މަސައްކަތްތައް ފަށާފައިވަނީ ވަރަށް އާދައިގެ ޚިދުމަތްތަކާއެކު ނަމަވެސް ސަރުކާރާއި ޖަމްޢިއްޔާތަކުގެ އެހީއާއެކު މެޓް އޮފީހުގެ ޚިދުމަތްތައް އިތުރު 3 ތަނެއްގައި ޤާއިމްކޮށް މަސައްކަތްތައް ފުޅާކޮށްފައިވާކަމަށް ވިދާޅުވިއެވެ. މިތަންތަނުން ދުރާލާ މޫސުމާއި ބެހޭ ކަންކަން ދެނެގަނެވޭނެ އިންތިޒާމުތައް މިހާރު ޤާއިމުކުރައްވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ރާއްޖެއަށް އާއްމުގޮތެއްގައި ދިމާވާ މޫސުމީ ކާރިސާތަކުގެތެރޭގައި އުދަ އެރުމާއި، ވައިގަދަވުމާއި ބޯކޮށް ވާރޭވެހުން ހިމެނޭކަން ފާހަގަކުރައްވާ، މިފަދަ ކަންކަމީ އެކަމުގެ ސަބަބުން ރައްޔިތުންނަށް އެކަމުގެ ސަބަބުން ސީދާގޮތެއްގައި އަސަރު ފޯރާ ކަންކަން ކަމަށްވުމާއެކު ރައްކާތެރިވުމަށް ދުރާލާ އެކަމުގެ މަޢުލޫމާތު ރައްޔިތުންނަށް އެނގުން މުހިއްމުކަމުގައި ވިދާޅުވެފައެވެ. އަދި މިކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައިވެސް ދުރާލާ މަޢުލޫމާތުތައް ލިބުމުގެ މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މިކަމުގައި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރުމުން ދުރާލާ ކަންކަން ދެނެގަނެވި އެކަމުން ކުރާނެ އަސަރުތަކުން ދުރާލާ ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެހީއަކަށް ވެގެންދާނެ ކަމަށެވެ.

އދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލް ފޯރ އޭޝިޔާ ޕެސިފިކްގެ ޑިޒާސްޓަރ ރިޕޯޓްގައިވާގޮތުން ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި 2005 ވަނަ އަހަރުން ފެށިގެން 2014 އާއި ދެމެދު ހިނގާފައިވާ ހާދިސާތަކުގެ 40 އިންސައްތަ ކާރިސާތައް ހިނގާފައިވަނީ ރާއްޖެ ހިމެނޭ އޭޝިޔާ ޕެސިފިކް ސަރަޙައްދުގައެވެ. އަދި ވޭތުވެދިޔަ 2015 ވަނަ އަހަރު އެކަނިވެސް އޭޝިއާ ޕެސިފިކް ސަރަޙައްދުން 160 ކާރިސާތައް ރެކޯޑްކުރެވިފައިވާއިރު، ދުނިޔޭގައި މިދިޔަ އަހަރު ހިނގާފައިވާ 344 ކާރިސާގެ 47 ޕަސެންޓަކީ މި ސަރަޙައްދުގައި ހިނގާފައިވާ ކާރިސާތަކެވެ. މި ހާދިސާތަކުގައި 45.1 ބިލިއަން ޑޮލަރުގެ އިޤްތިޞާދީ ގެއްލުންވެފައިވާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ.