ކުޅިވަރު

"ޒުވާން ޓީމުގެ ކުޅުންތެރިން ކުރިއަރުވާނެ ގޮތްތަކެއް ހޯދަންޖެހޭ"


  • މުބާރާތުގެ ނަތީޖާއާމެދު މާޔޫސްނުވުމަށް ކޯޗު އެދުނު

ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ތަމްރީންތައް ފޯރުކޮށްދީ، ކުޅުންތެރިން އިތުރަށް ކުރިއަރުވާނެ ގޮތްތަކެއް ހޯދަންޖެހޭކަމަށް ގައުމީ ޓީމުގެ ކޯޗު އިސްތަވާން އުރްބާނީ ބުނެފިއެވެ.

ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ޒުވާން ގައުމީ ޓީމަށް މިހާތަނަށް މޮޅެއް ހޯދިފައެއް ނުވެއެވެ. ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން ބަލިވެފައިވާއިރު، އަނެއް މެޗުން ވީ އެއްވަރެވެ.

ދިވެހި ޓީމު އެންމެފަހުން ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ގައުމީ ޓީމުގެ ކޯޗު ބުނީ މިވަގުތު އިސްކަންދޭންވީ ޓީމަށް އަންނަ ކުރިއެރުންތައް ހޯދުމަަށް ނޫންކަމަށެވެ. އޭގެ ބަދަލުގައި އެންމެ ބޮޑު އިސްކަމެއްދޭންވީ މުސްތަގުބަލު އެ ޓީމަކަށް ބިިނާވެފައިވާ ރާއްޖޭގެ ޒުވާން ޓީމުގެ ކުރިއެރުމަށް ކުރެވިދާނެ ކަންކަން ހޯދައި، އެކަންކަން ކުރެވޭނެ ގޮތްތަކެއް ރޭވުމަށްކަމަށެވެ.

"މިކުޅުންތެރިންނަށް މަގު ކޮށައިދޭން އެބަޖެހޭ. މިކުދިން ކުރިއަރުވާނެ ގޮތްތަކެއް ރާވަންޖެހޭ. އެ ޕްލޭންގެ ދަށުން އެންމެ މުހިންމުކަމަކަށް ހަދަންވީ އެކުދިން ކުރިއެރުވުމަށް ސެޝަންތައްކެއް ހިންގުން އެކަންޏެއް ނޫން. އެކުދިން ޕްރޮފެޝަނަލް ކުޅުންތެރިންނަށް ހެދޭނެ ގޮތްތަކެއް ރާވަންޖެހޭ. ސަބަބަކީ މިކުދިން މިކުޅެނީ ވަރަށް ވަރުގަދަ ޓީމުތަކާއި" އުރްބާނީ ބުންޏެވެ.

ގައުމީ ޓީމުގެ ކޯޗު ބުނީ ރާއްޖޭގައި ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަކީ މިމުބާރާތަކީ އާދައިގެ މުބާރާތެއް ނޫންކަމަށާއި މުބާރާތުގައި ވާދަކުރަނީ މޮޅު ޓީމުތަކެއްކަމަށެވެ. އެހެންކަމުން ޒުވާން ޓީމުން ވާދަކުރާ މެޗުތަކަކީ އެކުވެރިކަމުގެ މެޗުތަކެއް ގޮތަށް ނުދެކުމަށްވެސް ކޯޗު ވަނީ އެދިފައެވެ.

މުބާރާތުގައި ރާއްޖޭގެ ޓީމަށް ރަނގަޅު ނަޔިޖާއެއް ނެރެވިފައި ނުވާއިރު ޓީމުގެ ފިޓްނަސް މައްސަލަތަކެއް އުޅޭކަން ކޯޗު ފާހަގަކުރިއެވެ. ނަމަވެސް އެކަންކަމާއި މަޔޫސްވުމުގެ ބަދަލުގައި ވިސްނަންވީ ޒުވާން ޓީމުގެ ހުނަރުތައް އިތުރަށް ތަރައްގީކުރުމަށް ޕްލޭނެއް ހެދުމަށްކަމަށްވެސް ކޯޗު ބުންޏެވެ.

"މިމުބާރާތުގައި މިދަނީ ފްރެންޑްލީ މެޗުތަކެއް ނޫން. މިއީ އާދައިގެ މުބާރާތެއް ނޫން. މިއީ ވަރަށް ޗެލެންޖިން މުބާރާތެއް. އެހެންވީމަ އަހަރުމެން ވިސްނަންވީ މިކުޅުންތެރިން ތަރައްގީކޮށް ކުދިންގެ ހުނަރުތައް ތަރައްގީކުރެވިދާނެ ގޮތްތަކެއް ހޯދުމަށް" ގައުމީ ކޯޗު ބުންޏެވެ.

ގައުމީ ޓީމަށް މީގެކުރިންވެސް އިރުޝާދު ދެއްވާފައިވާ އިސްތަވާން އުރްބާނީ ބާރަ އަހަރަށްފަހު އަލުން ގައުމީ ޓީމާއި ހަވާލުވެފައިވާއިރު، ކޯޗުގެ އަމާޒަކީ މީގެ ބާރަ އަހަރުކުރިންވެސް އޭނާ މަސައްކަތްކުރި ގޭމް ޕްލޭނާއި އެއް މިސްރާބަކަށް ޒުވާން ޓީމު ބައްޓަންކުރުމެވެ. މިވަގުތު އޭނާއަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ ޒުވާން ޓީމުގެ އެކި މަގާމުތަކަށް އެކި ސްޓައިލްގެ ކުޅުންތެރިން ކުޅުމެވެ. އަދި މުބާރާތާއި ކުރިމަތިލީއިރު ކުޅުންތެރިން ދަސްކުރަން އެކަށީގެންވާ ވަގުތު ލިބިފައިނުވާކަންވެސް ކޯޗު ފާހަގަކުރިއެވެ.