ހައި ކޯޓަށް އިސް ފަނޑިޔާރަކާއި ފެމިލީ ކޯޓަށް އިސް ގާޟީއަކު ހޯދަން އިއުލާންކޮށްފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުރި އިއުލާނުގައި ވިދާޅުވެފައިވާ ގޮތުގައި ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ ހައިކޯޓަށް އައްޔަންކުރެވިފައިވާ، އެ ކޯޓުގައި މަސައްކަތް ކުރައްވަމުންގެންދަވާ ފަނޑިޔާރުންނަށެވެ. އަދި ފެމިލީ ކޯޓުގެ އިސް ގާޟީއަކަށް ކުރިމަތިލެވޭނީ އެ ކޯޓަށް ޢައްޔަންކޮށްފައިވާ، އެ ކޯޓުގައި މަސައްކަތް ކުރަމުންގެންދާ ފަނޑިޔާރުންނަށެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށާއި ފެމިލީ ކޯޓުގެ އިސް ގާޟީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވާލާފައިވަނީ މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. މި މަގާމުތަކަށް ކުރިމަތިލެވޭނީ ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.
ހައި ކޯޓަކީ 11 ފަނޑިޔާރުންގެ މައްޗަށް އެކުލެވިގެންވާ ކޯޓެކެވެ. އެ ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އިސް ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ. ވަގުތީގޮތުން އެ ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވީ ފަނޑިޔާރު ޢަބްދުﷲ ޖަމީލު މޫސާއެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ މަހަކު 47,700 ރުފިޔާއެވެ. ލިވިންގ އެލަވެންސްގެ ގޮތުގައި މަހަކު 18،000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާގޮތުގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސްވެސް ލިބިވަޑައިގަންނަވާނެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓަކީ ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތަކުގެ ތެރެއިން، ޤާނޫނަކުން އެ ނިންމުމެއް، ހައިކޯޓަށް ހުށަހެޅުން އިސްތިސްނާކޮށްފައި ނުވާ އެންމެހައި ނިންމުންތައް އިސްތިއުނާފުކުރާ ކޯޓެވެ.
ފެމިލީ ކޯޓުގެ އިސް ގާޟީގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި ގާޟީ އިބްރާހިމް މާހިރު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.
ފެމިލީ ކޯޓުގެ އިސް ގާޟީގެ އަސާސީ މުސާރައަކީ މަހަކު 39,700 ރުފިޔާއެވެ. ލިވިންގ އެލަވެންސްގެ ގޮތުގައި މަހަކު 18،000 ރުފިޔާ، ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300 ރުފިޔާ އަދި ފޯނު އެލަވެންސްގެ ގޮތުގައި 1،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާގޮތުގެ މަތިން މެޑިކަލް އިންޝުއަރެންސް ލިބިވަޑައިގަންނަވާނެއެވެ.