ޕަބްލިކް ވޯކްސް ޔުނިޓް ތަރައްޤީކުރުމަށް އެކަމަށް ބޭނުންވާ އިމާރާތްތާއި ތަކެތި ހޯދުމަށް ހިނގާނެ ޚަރަދުގެ ތަފްސީލްތައް ފިނޭނެސްއަށް ހުށައަޅާފައިވާކަމަށާއި، އޭގެ މަސައްކަތްތައް ޢަމަލީގޮތުން ރަށްރަށުގައި ވަރަށް އަވަހަށް ފަށާނެކަމަށް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ ޕަބްލިކް ވަރކް ޔުނިޓްތައް 19 ރަށެއްގައި ޤާއިމުކުރާކަމަށެވެ. މި އިމާރާތްތަކަކީ ރަށްރަށުގައި އާއްމު ޚިދުމަތްތަކުގެ މެއިންޓަނަންސް މަސައްކަތްތަކަށް ބޭނުންވާ ޚަރަދު ކުޑަކުރުމަށް ފަށާ މަސައްކަތެކެވެ. މިހާރު އޮންނަގޮތުން، ކޮންމެ މަސައްކަތެއް ކުރަން ޖެހުނަސް، އެކަމަށް ބޭނުންވާ މެޝިނަރީއާއި ޓެކްނިކަލް މީހުން ގެންދަނީ މާލެއިންނެވެ.
ޕަބްލިކް ވޯކް ޔުނިޓްތައް ހަދާ ރަށްތަކުގައި މިކަމަށް ބޭނުންވާ އިދާރީ އިމާރާތާއި އަދި ހެވީ ވެހިކަލްތަކާއި މެޝިނަރީ ބެހެއްޓުމަށް ބޭނުންވާ ބިންތައް މިހާރު ހުރިހާ ރަށެއްގައިވެސް ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
1- ހއ. ދިއްދޫ
2- ށ. ފުނަދޫ
3- ށ. މިލަންދޫ
4- ނ. މަނަދޫ
5- ރ. މާކުރަތު
6- ބ. އޭދަފުށި
7- ޅ. ނައިފަރު
8- ކ. ތުލުސްދޫ
9- އއ. ރަސްދޫ
10- އދ. މަހިބަދޫ
11- އދ. މާމިގިލި
12- ވ. ފެލިދޫ
13- މ. މުލި
14- ފ. ނިލަންދޫ
15- ދ. ކުޑަހުވަދޫ
16- ތ. ވޭމަންޑޫ
17- ތ. ވިލުފުށި
18- ލ. ގަން
19- ގއ. ވިލިނގިލި
ވަޒީރު ވިދާޅުވީ އެ ތަންތަނަށް ބޭނުންވާ މެޝިނަރީ ހޯދުމުގެ މަސައްކަތްތައްވެސް ފަށާ، އެކަމަށް ހޭދަވާނެ މިންވަރު ފިނޭންސްއަށް ހުށައަޅާފައިވާކަމަށެވެ. ވަޒީރު ވިދާޅުވީ ދެމަހެއްހާ ދުވަހުގެ ތެރޭގައި އެ ތަކެތި ރާއްޖެ ގެނައުމުގެ މަސައްކަތް ކުރެވޭނެކަމަށެވެ.
"ކޮންމެ ޔުނިޓަކަށް 9 ބާވަތެއްގެ މެޝިނަރީ އެބަ ހޯދަން. 19 ޕަބްލިކް ވޯކް ޔުނިޓްގެ އިތުރުން، 4 މޮބައިލް ޔުނިޓް ހިމެނޭ. ބަނދާރާއި މަގުތައް މަރާމަތުކުރުމާއި ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ. 9.1 މިލިއަން ޑޮލަރުގެ ތަކެތި ގެނައުމަށް ފިނޭންސްއަށް ވަނި ހުށައަޅާފައި" ވަޒީރު ވިދާޅުވިއެވެ.
1- އެކްސްކަވޭޓަރ
2- ލޯޑަރ
3- ގްރޭޑަރ
4- ކޮމްޕެކްޓަރ
5- ޑަމްޕްލޮރީ (15 ޓަން)
6- ޑަމްޕްލޮރީ (10 ޓަން)
7- ކޮމްޕްރެސަރ
8- ވެލްޑިންގ ޕްލާންޓް
9- ޓްރޯލީޖެކް
މީގެއިތުރުން ބަނދަރާއި މަގު ހެދުމާ ގުޅޭ މަރާމާތުގެ މަސައްކަތްތަކަށް ބޭނުންވާ ޚާއްސަ ސެޓަޕްތައް ގެންނާނެއެވެ.
ޕަބްލިކް ވޯކްސް ޔުނިޓާއި 4 މޮބައިލް ޔުނިޓަށް ޖުމްލަ 516 މުވައްޒަފުން ނަގައެވެ. ވަޒީރު ވިދާޅުވީ މިހާތަނަށް 141 މުވައްޒަފުން ނެގުމުގެ ހުއްދަ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބޭހޭ ވުޒާރާއިން ލިބިފަވާކަމަށެވެ.