ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާ ހަރުދަނާކުރުމަށްޓަކައި ޤާއިމްކުރި މައި ނެޓްވޯކްގެ ތެރެއަށް ރާއްޖޭގައި ގާއިމްވެތިބި އަމިއްލަ ކުންފުނިތަކަށްވެސް ވަނުމުގެ ފުރުސަތު މިހާރު ފަހިވެފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވަނީ ރާއްޖޭގައި ކާބޯތަކެތީީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މި ނެޓްވޯކް މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖޭގައި އޮންނަ ބައިނަލްއަޤުވާމީ ތިން ބަނދަރު ކަމަށްވާ މާލޭ ވިޔަފާރި ބަނދަރު، ކުޅުދުއްފުށި ޕޯޓު އަދި އައްޑޫ ސިޓީ ވިޔަފާރި ބަނދަރު ލޮޖިސްޓިކަލީ ގުޅުވައިދޭނެ މައި ނެޓްވޯކެއް "އެންކާ" ގެ ނަމުގައި ހިންގަމުންދާ ކަމަށެވެ. އަދި މި ނެޓްވޯކްގެ ތެރެއިން އަމިއްލަ ކުންފުނިތަކަށް ވިޔަފާރީގެ ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އަމިއްލަ ފަރާތްތަކަށް ފުރުޞަތު ދިން ނަމަވެސް، މި ނެޓްވޯކް ހިންގުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިން އިސްދައުރެއް އަދާކުރަންޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެއީ ކޮންމެފަދަ ދަނޑިވަޅެއްގައިވެސް ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ހުއްޓުމެއްނެތި ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކަށް ވާތީ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތާ ގުޅިގެން މިފަދަ ނިޒާމެއްގެ މުހިންމުކަން ބޮޑުވެފައިވާ ކަމަށްވެސް ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޤައުމީ ފެންވަރުގައި ތަކެތި ރައްކާކުރެވޭނެ ނިޒާމު، ނޭޝަނަލް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ.
"ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޑްރައި އަދި ވެޓް ސްޓޯރޭޖްތައް ޤާއިމްކުރުމުގެ މަސައްކަތްތައް ކުރެވެމުންދޭ، މި ނިޒާމު ފުރިހަމަވުމުން އާބަން ސެންޓަރުތަކުގެ އިތުރުން ރަށްރަށަށްވެސް ބޭނުންވާ މުދަލާއި ކާބޯތަކެތި ފަސޭހައިން ލިބޭނެ މަގު ފަހިވެގެންދާނެ" ވަޒީރު ވިދާޅުވިއެވެ.
މެދުއިރުމަތީގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ތެޔޮ ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކޮށްފައިވީ ނަމަވެސް، އެސްޓީއޯއިން ރާއްޖެއަށް ބޭނުންވާ ތެލާއި، ގޭހުގެ ސްޓޮކް ހުސްނުވެ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު އެސްޓީއޯއިން ރާއްޖެއަށް ތެލުގެ އައު ޝިޕްމަންޓެއް ގެނެސްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުން ވަނީ، ރާއްޖޭގައި ދިގު މުއްދަތަކަށް ތެޔޮ ރައްކާކުރެވޭ ގޮތަށް ތެލުގެ ރިޒާވްއެއް ޤާއިމްކުރުމަށްވެސް ނިންމަވާފައެވެ. މި ރިޒާވް ޤާއިމްކުރުމަށް ނިންމަވާފައިވަނީ، ރާއްޖޭގެ 3 ސަރަޙައްދެއްގައެވެ. އަދި މިއީ 1 އަހަރު ދުވަހަށް ރާއްޖެއަށް ބޭނުންވާނެ ވަރަށް ތެޔޮ ރައްކާކޮށްފައި ބެހެއްޓޭނެ ނިޒާމަކަށްވާނެ ކަމަށް ސަރުކާރުން ހާމަކުރައްވައެވެ.