ރާއްޖޭގެ ރީނދޫ އުރަހަލީ ކަންނެލީގެ މަސްވެރިކަމަށް ސްޓެވާޑްޝިޕް ކައުންސިލް، އެމްއެސްސީ ސެޓްފިކެޓް ލިބިއްޖެއެވެ. އެކަން މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން، އެމްއެސްޕީއީއޭއިން ވަނީ އިއުލާންކޮށްފައެވެ.
މޯލްޑިވްސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަންއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް ކުރަމުންދާ މަސައްކަތުގައި މުހިންމު ކާމިޔާބީއެއް ހާސިލްކޮށްފައިވާކަމަށެވެ. އެގޮތުން، ރާއްޖޭގެ ދޮށީގެ ކަނޑުމަސްވެރިކަމުގެ އިތުރުން، ރީނދޫއުރަހަ ކަންނެލީގެ މަސްވެރިކަމަށް މެރިން ސްޓެވާޑްޝިޕް ކައުންސިލް، އެމްއެސްސީ ސެޓްފިކެޓް މިހާރު ލިބިފައިވާކަމަށެވެ.
މިކާމިޔާބީއާއި ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށާއި، މަސްވެރިންނަށާއި މަސް ޕްރެސެސްކުރާ ސިނާއަތަށް، މިއީ ލިބިގެން ދިޔަ މުހިންމު ކާމިޔާބީއެއް ކަމަށެވެ. ރާއްޖޭގެ މައިގަނޑު މަސްވެރިކަމަކީ މިހާރު އެމްއެސްސީ ސެޓިފައިޑް މަސްވެރިކަމަކަށް ވެފައިވާއިރު، މިއީ ދެމެހެއްޓެނިވި މަސްވެރިކަމުގައި ރާއްޖެއަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މި ކާމިޔާބީއަކީ މަސްވެރިކަމުގެ ސިނާއަތާއި، ސަރުކާރާއި، އަދި ބައިނަލްއަޤުވާމީ ބައިވެރިން ގުޅިގެން ގިނަ އަހަރުތަކެއް ވަންދެން ކުރި ބުރަ މަސައްކަތާއި، ދިން އެއްބާރުލުމުގެ ނަތީޖާއެއްކަމަށް ވިދާޅުވިއެވެ. މިކަން ހާސިލުކުރެވުނީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަން ބަލަހައްޓާ ކޮމިޝަން އައިއޯޓީސީ ގައި ރާއްޖެއިން މެދުނުކެނޑި ކުރި މަސައްކަތާއި، އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ އާބާދީ އާލާކުރުމަށްޓަކައި ޖީ16ގެ ގައުމުތަކާއި ކޯސްޓަލް ސްޓޭޓް އެލަޔަންސް ގުޅިގެން ކުރި ހަރުދަނާ މަސައްކަތްތަކުގެ ސަބަބުންކަން އެ ވުޒާރާއިން ވިދާޅުވިއެވެ.
The Ministry congratulates all stakeholders across the fisheries sector, particularly our tuna fishermen and the processing industry, on this significant milestone. With this expansion, the Maldives’ entire tuna fishery is now effectively MSC certified, reinforcing our standing… https://t.co/ZthIWgSMFN
— Ministry of Fisheries and Ocean Resources (@MFORmv) March 23, 2026
މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ކުރިއެރުމުގެ ސަބަބުން ދިވެހި ކަނޑުމަހުގެ އުފެއްދުންތަކަށް ބައިނަލްއަޤުވާމީ ބާޒާރުގައި އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ މާހައުލު ރައްކާތެރިކުރުމާއި، މަސްވެރިކަމުގެ ސިނާއަތަށް ފުރުޞަތުތައް ފަހިވެގެންދާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ދޮށީގެ ކަނޑުމަސްވެރިކަމަކީ 2012 ވަނަ އަހަރުން ފެށިގެން އެމްއެސްސީ ސެޓްފިކެޓް ލިބިފައިވާ މަސްވެރިކަމެކެއްކަމަށާއި މިހާރު މި މަސްވެރިކަން އޮތީ ސެޓްފިކެޓް އާކުރުމުގެ ފަސް އަހަރުގެ ތިންވަނަ ދައުރުގައެވެ. މިއީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ދިގު މުއްދަތަކަށް މި ސެޓްފިކެޓް ދަމަހައްޓަމުން އަންނަ އެއް މަސްވެރިކަންކަމުގައި ވިދާޅުވިއެވެ. މި ކާމިޔާބީން ރަމްޒުކޮށްދެނީ ތިމާވެއްޓަށް ގެއްލުން ކުޑަ، ދެމެހެއްޓެނިވި މަސްވެރިކަމުގެ އުސޫލުތަކަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަންކަަމަށް އެމްއެސްޕީއީއޭ ފާހަގަކުރިއެވެ.
އެމްއެސްޕީއީއޭ އިން ވިދާޅުވީ ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަން ސެޓްފިކެޓް ހޯދުމަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނުކަމަށާއި ރާއްޖޭގެ ކަންނެލި މަސްވެރިކަމަށް 2014 ވަނަ އަހަރު ސެޓްފިކެޓް ލިބުނު ނަމަވެސް، އިންޑިއާ ކަނޑުގެ ކަންނެލީގެ އާބާދީ މަދުވަމުންދާ ކަމަށް 2016 ވަނަ އަހަރު ނިންމުމާ ގުޅިގެން، 2017 ވަނަ އަހަރު އެ ސެޓްފިކެޓް ސަސްޕެންޑް ކުރެވުނުކަމަށެވެ. ކަންނެލީގެ އާބާދީއަކީ މުޅި އިންޑިއާ ކަނޑަށް ނިސްބަތްވާ އަދި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) އިން ބަލަހައްޓާ އާބާދީއަކަށް ވާތީ، ރާއްޖޭގެ މަސްވެރިކަން ބެލެވިފައިވަނީ މި ސަރަހައްދީ އާބާދީގެ ބައެއްގެ ގޮތުގައިކަމަށް ވިދާޅުވިއެވެ.
2021 ވަނަ އަހަރުން ފެށިގެން އެމްއެސްޕީއީއޭ އިން ވަނީ ކަންނެލީގެ މަސްވެރިކަން އިތުރަށް ހަރުދަނާކުރުމަށް "ފިޝަރީ އިމްޕްރޫވްމަންޓް ޕްރޮޖެކްޓް" (އެފްއައިޕީ) އެއް ކުރިއަށް ގެންގޮސްފައެވެ. މި މަޝްރޫޢުގެ މަސައްކަތްތަކަށް ކޮންމެ ހަ މަހަކުން ކުރެވޭ އެސެސްމަންޓްތަކުގައި މެދުނުކެނޑި "A" ރޭޓިންގ (ބޮޑު ކުރިއެރުމެއް ހާސިލުކުރަމުންދާކަމުގެ ދަރަޖަ) ލިބިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ، މަހުގެ އާބާދީ ދެމެހެއްޓުމާއި އިތުރުކުރުމާއި މަސްވެރިކަމުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރުތައް ކުޑަކުރުމާއި އިންސާނީ ޙައްޤުތަކާއި އިޖުތިމާޢީ ޒިންމާގެ މިންގަނޑުތައް ހިފެހެއްޓުންކަމަށެވެ.
އައިއޯޓީސީގެ އެންމެ ފަހުގެ ސައިންޓިފިކް ދިރާސާތަކުން ކަށަވަރުވާ ގޮތުގައި، އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ އާބާދީއަކީ މިހާރު ބޭނުންވާ މިންވަރަށްވުރެ އިތުރަށް މަސް ބާނަމުންދާ އާބާދީއެއް ނޫނެވެ. 2024 ވަނަ އަހަރުގެ ހޯދުންތަކަށް ބާރުދޭ މި ނިންމުމާއެކު، އަލުން އެމްއެސްސީ ސެޓްފިކެޓް ހޯދުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ. އެގޮތުން މި ކުރިއެރުންތަކަށް ބިނާކޮށް، އެމްއެސްޕީއީއޭ އިން ވަނީ މިހާރު އޮތް އެމްއެސްސީ ސެޓްފިކެޓްގެ ދާއިރާ ފުޅާކޮށް، ދޮށީގެ ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަމާއި އަތުނަނުގައި ކަންނެލީގެ މަސްވެރިކަން މިވަނީ ހިމަނާފައެވެ.